ހެޔޮލަފާ ފުރާނައެއް ހަށިގަނޑާ ވަކިވެގެންދާހިނދު އެފުރާނައަށް ވަނީ ކިހިނެެއް؟
މިއީ އުސްތާޛް ބިލާލް އައްސަދުގެ ދަރުހެއްގައި އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅެއްގެ ތަރުޖަމާއެކެވެ.
"ފުރިހަމައަށް އިސްލާމްދީން ޤަބޫލުކޮށް ތެދުމަގަށް އުޅޭ އަޅާ މިދުނިޔެއާ ވަކިވެގެންދާ ވަގުތު ޖެހުމުން، ރީތިކަމުން ފުރިގެންވާ ދެ މަލާއިކަތް ބޭކަލުން އުނޑުން ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ.
އެ ދެ މަލާއިކަތް ބޭކަލުންގެ މޫނުފުޅުގެ ނޫރުން ހީވާނީ އެބޭކަލުންގެ މޫނުފުޅަކީ ވެސް އިރު ތަކެއް ހެންނެވެ. އެބޭކަލުންގެ ގައިކޮޅުގައި ސުވަރުގޭގެ ހުވަނދު ލެވިފައިވާނެއެވެ.
އެބޭކަލުން ވަޑައިގަންނަވާނީ ސުވަރުގެއިން ރަޖާކޮޅެއްފާޑު ފޮތިގަނޑެއް ހިއްޕަވައިގެންނެވެ. އެފޮތިގަނޑު، ނިޔާވާން އުޅޭ ޞާލިޙު އަޅާގެ ހަށިގަނޑުގައި އޮޅާލައްވާނެއެވެ. އެހިނދު ސުވަރުގޭގެ މީރު ހުވަނދުކޮޅު އެބައެއްގެ ހަށިކޮޅުގައި ވެސް ލެއްވޭނެއެވެ.
މަލަކުލް މައުތުގެފާނު ވެސް އެވަގުތު އެތަނުގައި ހުންނަވާނެއެވެ. އަދި އިޚުލާސްތެރި ޞާލިޙު އަޅާގެ ފުރާނަފުޅަށް މަލަކުލް މައުތުގެފާނު ވިދާޅުވާނެއެވެ.
'އޭ ސާފު ޠާޙިރުވެގެންވާ ފުރާނައާ އެވެ. ވެރި ރަސްކަލާނގެ ދެއްވަވާ މަތިވެރި ނިޢުމަތް ލިބިގަންނަން ތިޔަ ހަށިކޮޅުން ނިކުންނާށެވެ.'
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'ތެދުމަގު ލިބިގެންވާ ޞާލިޙު އަޅާގެ ފުރާނަފުޅު އެހިނދު އެހަށިކޮޅުން ނިކުންނަވާނެއެވެ. ނުވަތަ މަލަކުލް މައުތުގެފާނު އެފުރާނަ، މިފަދައިން ނަންގަވާނެއެވެ. އެއީ ޖަގަކުން ތައްޓަށް ފެންފޮދު އެޅޭ ފަދައިންނެވެ.'
މާނައަކީ އެހާ ވެސް ލުއި ފަސޭހަ ކޮށެވެ.
ބިމަށް ފައިބާ ވަޑައިގަތް ދެ މަލާއިކަތް ބޭކަލުން، މަލަކުލް މައުތުގެފާނު އެފުރާނަ ހިއްޕަވައިގެން ގިނައިރު ހުއްޓަ ނުދެއްވާނެއެވެ. ފުރާނަ ނެރުއްވުމާއެކު އެ ދެމަލާއިކަތް ބޭކަލުން، ސުވަރުގެއިން ގެންނެވި ފޮތިގަނޑާއި ހުވަނދުތައް މަތީގައި އެފުރާނަފުޅު ބާއްވައެވެ. އަދި އެފޮތިގަނޑު ހިއްޕަވައިގެން ހަތް އުނޑަށް ދަތުރު ކުރައްވައެވެ. އެދަތުރުފުޅުގައި ބައިވަރު މަލާއިކަތް ބޭކަލުންނާ ވެސް ބައްދަލު ވާނެއެވެ. ދުނިޔެއިން ފެށިގެން އުޑުތަކާއި ދެމެދު ގުނާ އަދަދު ނުކުރެވޭހާ ގިނަ މަލާއިކަތުން ވެއެވެ. ކޮންމެ މަލާއިކަތް ބޭކަލެއް ވެސް އެ ދެމަލާއިކަތުން ކުރެން އައްސަވާނެތެވެ. 'މިއީ ކާކުގެ ޠާޙިރު ރިވެތި ފުރާނައެއް ހެއްޔެވެ. ޖަވާބުގައި އެމަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ. މިއީ އެވެނި މިވެނި މީހެއްގެ ދަރިކަލެކެވެ. މަލާއިކަތް ބޭކަލުން އެފުރާނައަށް ވަރަށް ވެސް ރީތިވެގެންވާހާ ނަންތައް ދެއްވަވާނެއެވެ. ދަތުރުފުޅުގައި ބައްދަލުވާ ހުރިހާ މަލާއިކަތް ބޭކަލުން ވެސް އެޞާލިޙު ފުރާނައަށް މަރުޙަބާ ދަންނަވާނެއެވެ.
މަލާއިކަތް ބޭކަލުންގެ ކޮނޑުފުޅު މަތީގައި ދަތުރުކުރަމުން، ފުރަތަމަ އުޑާއި ހަމައަށް ދެވޭނެއެވެ. ފުރަތަމަ އުޑާ ހަމަވުމުން ދޮރުކޮޅެއް ފެނިވަޑައިގަންނަވާނެއެވެ. އެދޮރުކޮޅު ކައިރީގައި ވެސް ދެ މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ. ގޭޓުކޮޅާއި ކައިރިވުމުން މަލާއިކަތް ބޭކަލުން، ފުރާނަފުޅު އުފުއްލަވައިގެން ވަޑައިގެންނެވި މަލާއިކަތުންކުރެ އައްސަވާނެއެވެ. 'މިއީ ކޮން ޞާލިޙު އަޅެއްގެ ފުރާނައެއްތޯ އެވެ' ޖަވާބުގައި އެމަލާއިކަތް ބޭކަލުން، އެފުރާނައަށް ދެއްވެވި ރީތި ނަންފުޅުތައް ވިދާޅުވާނެއެވެ. އަދި ދޮރުކޮޅު ހުޅުވައި ދެއްވުމަށް އެދިލައްވާނެއެވެ.
އެހިނދު އެގޭޓޫކޮޅު ހުޅުވުމުން، ދެވަނަ އުޑަށް ދަތުރު ކުރައްވާނެއެވެ. މިފަދައިން ބައްދަލުވާ ކޮންމެ މަލާއިކަތް ބޭކަލުންނެއްވެސް ސުވާލުކުރައްވާނެއެވެ. އަދި ހަމަ މިފަދައިން ޖަވާބުވެސް ދެއްވުމުން އެހުރިހާ މަލާއިކަތް ބޭކަލުން މަރުޙަބާ ދަންނަވާނެއެވެ. މިދުނިޔެއިން ވަކިވެގެންދާ ހިނދު، އެއްވެސް އަނދިރިކަމެއް ނުފެނި، އަލިގަދަ ނޫރުތަކެއް، ތިމާއަށް މަރުޙަބާ ދެންނެވުމުން ހިތައް ވެރިވާނެ އުފާ ވިސްނަވާށެވެ.
އެތަނުގައި ތިމާއަށްޓަކައި އެއްވެސް ނަފްރަތެއް ނުވެއެވެ. އެތަނުގައި އެހުރިހާ ބޭކަލުންގެ ތެރޭގައިވެސް އެންމެ މަޝްހޫރީ ތިމާއެވެ.
ތިމާއަށްޓަކައި މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) ލައްވަވާފައިވާ ނިޢުމަތްތައް ދައްކަވާލުމުގެ ދަތުރުފުޅެއް އެމަލާއިކަތުން ތިމާއަށް ދެއްވާނެއެވެ.
ބިމުގައި އެޞާލިޙު އަޅާގެ ހަށިކޮޅު ހިނަވާ، ހުރިހާކަމެއް ނިމި، ވަޅުލާންވީ ވަގުތު ޖެހުމުން، އެހަށިކޮޅާއި ގާތަށް ފުރާނަފުޅު ގެންދެވުމަށް ﷲ (ސުބްޙާނަހޫވަތައާލާ) އެމަލާއިކަތް ބޭކަލުންނަށް އަމުރުކުރައްވަވާނެއެވެ. އެއީ ވަޅުލުމަށްފަހު އެފުރާނައާއި، ކަށްވަޅުގައި ސުވާލު ކުރެއްވުމަށެވެ.
އެެހެންކަމުން މަލާއިކަތްބޭކަލުން އެފުރާނަފުޅު އަނބުރާ ހަށިކޮޅު ކައިރިއަށް ގެންދަވާނެއެވެ.
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'ކަށްވަޅުގައި ވެސް ދެ މަލާއިކަތުން ފެނިވަޑައިގަންނަވާނެއެވެ. އެއީ މުންކަރް ގެފާނާއި ނަކީރް ގެފާނެވެ. އެދެބޭކަލުންގެ މޫނުފުޅު ހުންނަވާނީ ވަރަށްވެސް ބިރުވެރި ގޮތަކަށެވެ. އެއީ ކޮންގޮތެއްކަމެއް ﷲ ފިޔަވާ އެހެން އެެއްވެސް ފަރާތަކަށް އެނގިވަޑައެއް ނުގަންނަވައެވެ'
ހެޔޮލަފާ ޞާލިޙު އަޅުންނަށާއި ޞާލިޙު ނޫން އަޅުންނަށް ވެސް މުންކަރްގެފާނާއި ނަކީރްގެފާނު ފެނިވަޑައިގަންނަވާނީ އެއްގޮތަކަށް ކަމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. ނަމަވެސް ތަފާތަކީ، ހެޔޮލަފާ ޞާލިޙު އަޅުންގެ އީމާންތެރިކަން ވަރުގަދަވުމުން، މިބިންމަތީގައާއި، ކަށްވަޅުގައި ވެސް އަދި ހިސާބު ބެއްލެވޭ ދުވަހުވެސް އެފަދަ މީހުން ބިރުނުގަތުން ކަމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
އެފުރާނައާއި ސުވާލު ކުރެއްވޭނެއެވެ. 'ކަލޭގެ ވެރިރަސްކަލާނގެއަކީ ކޮން ފަރާތެއް ހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބާ ހެއްޔެވެ؟ ކަލޭމެންނަށް ފޮނުއްވެވީ ކޮންބޭފުޅެއް ހެއްޔެވެ؟'
ހެޔޮލަފާ ޞާލިޙު އަޅެއްގެ ފުރާނަ ޖަވާބު ދެއްވާނެއެވެ. 'އަހުރެންގެ ކަލާނގެއީ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) އެވެ. އަހުރެން އަޅުކަންކޮށް، ކަލާނގެ ކަމަށް ޤަބޫލުކުރީ ހަމައެކަނި އެކަލާނގެއެވެ. އަހުރެންގެ ދީނަކީ އިސްލާމް ދީނެވެ. އަދި އަހުރެމެންނަށް ފޮނުއްވެވީ އެންމެ ފަހު ރަސޫލާ މުޙައްމަދު (ޞޢޥ) އެވެ. އަހުރެންނަށް އެކަލޭގެފާނުގެ ގޮވާލެއްވުންތައް އިވި، އެގޮވާލުންތައް އަހުރެން އަޑުއެއްސެވީމެވެ.'
އެހިނދު އެމަލާއިކަތުން ވިދާޅުވާނެއެވެ. 'ނިދާށެވެ. ނުވަތަ އަރާމުކުރާށެވެ. އެެހެނީ ތިޔަ ރިވެތި ފުރާނައަށް ދެން ކުރިއަށް ލިބެން އޮތް ނިޢުމަތްތައް މާބޮޑެވެ.'
އެހިނދު ވާތް ފަރާތަށް ބަލާލުމަށް ވިދާޅުވާނެއެވެ. ވާތް ފަރާތަށް ކުޑަކޮށް ބަލާލުމުން، ނަރަކައިގެ ވޭން ދެނިވި އަލިފާންގަނޑު އެމީހުންނަށް ފެންނާނެއެވެ. ނަރަކަ ފެނުމުން އެމީހުން ބިރުން ދުރަށްޖެހިލާނެއެވެ. އެހިނދު މަލާއިކަތް ބޭކަލެއް ވިދާޅުވާނެއެވެ. 'ކަލޭގެ ހެޔޮލަފާ ރަނގަޅު އުޅުމުގެ ސަަބަބުން މާތް ﷲ ކަލޭ އެތަނުން ސަލާމަތް ކުރައްވަވާފިއެވެ.' މިހެން ބުނެފައި ނަރަކަ ފެންނަ ދިމާ ބަންދު ކުރައްވަވާނެއެވެ.
ކަނާތް ފަރާތަށް އެނބުރުމަށް ދެންނެވުމުން، އޭނާ އެފަދައިން ކަންތައް ކުރައްވަވާނެއެވެ. އެހިނދު އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ފެންނާނެއެވެ. އޭނާ ސުވަރުގެއަށް ދާހިތްވާނެއެވެ. އެވަގުތު މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. 'މިއީ ކަލޭ ދާން ހުރިތަނެވެ. ސުވަރުގެއަށް ދެވޭނެ މަގު ކަލޭ ފަހި ކުރައްވަވައިފިއެވެ.'
ރަސޫލާ (ޞޢޥ) ހަދީޘްފުޅު ކުރައްވާފައިވަނީ، ޞާލިޙު އަޅާއަށް ސުވަރުގެ ފެނުމުން އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވާނެ ކަމަށެވެ. 'ޔާ ﷲ. ދުނިޔެ އަވަހަށް ނިންމަވާފާނދޭވެ. އެއީ މިއަޅާއަށް މިއަޅާގެ އާއިލާއާއި، މިއަޅާއަށް ސުވަރުގޭގައި ލިބުމަށް ރޯދި ކުރައްވަވާފައިވާ ބަރަކާތްތައް އަވަހަށް ލިބުމަށެވެ'
އެހިނދު އޭނާގާތަށް ވަރަށް ވެސް ރީތި މީހެއް ދާނެއެވެ. އޭނާ ފެނުމުންވެސް އެއީ އުފާވެރި ޚަބަރުތަކަކާއިގެން ދިޔަ މީހެއްކަން ހާމަވާނެއެވެ. އެއީ ކާކުތޯ އެހުމުން، އެމީހާއަކީ، މިބިންމަތީގައި އޭނާ ކުޅަ ހެޔޮ ޢަމަލުތައް ކަމަށް ބުނާނެއެވެ. އަދި އޭނާ އެހާ ރީތިވީ، އެމީހާގެ ހެޔޮ ޢަމަލުތައް ގިނަ ވުމުން ކަމަށް ވެސް ވިދާޅުވާނެއެވެ. އެމީހާ އޭނާއާއި ވަކިނުވާނެ ކަމަށް ވެސް ވިދާޅުވާނެއެވެ."
ޥަރަށްް ފުރިހަމަަ ލިޔުމެއް
މިކަހަލަ ލިޔުން ބޭނުންވަނީ… ވ ފުރިހަމަ..
މަރްޔަމް ގެ މިލިޔުން ވ ފުރިހަމަ. އެދުމެއް އެބައޮތް. ހެޔޮލަފާ ނޫން އަޅާގެ ފުރާނައަށް ވާނެ ގޮތްވެސް ގެނެސްދީފަނަންތަ؟
މަރްޔަމް ގެ މިލިޔުން ވ ފުރިހަމަ. އެދުމެއް އެބައޮތް. ހެޔޮލަފާ ނޫން އަޅާގެ ފުރާނައަށް ވާނެ ގޮތްވެސް ގެނެސްދީފަނަންތަ؟ ޖަވާބެއް ބޭނުން