ރިޕޯޓް

ރިޕޯޓް: ބަނގަލާ އަވަށެއް ބިނާކުރުމަކީ ހަށިގަނޑުގައި ކެންސަރުގެ ސިސްޓެއް އުފެއްދުން

ދެން އެމްވީ ، ދެން އޮންލައިން

ކަމެއް ދިމާވާއިރަށް ކަމަކަށް ކަމެއް ކޮށްލުމަކީ ގިނަބައެއްގެ ވަރަށް ބޮޑު އާދައެކެވެ. ކަމެއްވުމުގެ ކުރިން އެއްވެސް ކަމެއް ހައްލުކުރަން އުޅެވޭތަނެއް ނުފެނެއެވެ. ބަލިން ރައްކާތެރިވާން ތެޅިގަނެވެނީ ބަލި ޖެހުމުންނެވެ. ކަމެއްވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުވުން އޮންނަނީ މޮޔަކަމަކަށް ވެފައެވެ. ހުން އަންނާނެ ކަމަށް ރަޖާލުން ކަމަށް ވެފައެވެ.

Ads by MWSC

ރިޔާސީ ކެމްޕެއިން ކުރަމުން ދިޔައިރު ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަ ދައްކާ އެކަންކަން މެނިފެސްޓޯގައި ހިމަނައިގެން އެމަގަށް ކަންކަން ކުރަމުން އަންނަ ކަމަށް އިޤްތިޞާދީ ވަޒީރު ނޫސްވެރިންގާތުގައި ވިދާޅުވިއެވެ. އޭރު ކޮވިޑް އަންނާނެކަން އެނގިވަޑައިގެންފައި ނެތުމުން އެކަމަށް އެއްވެސް ތައްޔާރެއް ވެވިފައި ނެތްކަމަށް ވިދާޅުވިއެވެ. އަޖައިބު ވެއްޖައީމެވެ. ކޮވިޑް ކުރިން ނުބުނެ އަޔަތީ ކޮވިޑަށް ތައްޔާރު ނުވެވުނީއެވެ. ބިދޭސީ މަސައްކަތު މީހުން ދަތިހާލުގައި ތޮއްޖެހިގެން އުޅޭކަން ގައިމު އެނގިވަޑައިގަންނަވާނެއެވެ. އެމީހުން ރާއްޖޭގައި ފެތުރިފައި އޮތްވަރާއި ތޮއްޖެހުން އޮތްވަރު އެނގިވަޑައިގަންނަވާނެއެވެ. ގައިގޯޅި ވަރާއި އެމީހުނާއި ގުޅިފައިވާ އިޖުތިމާއީ އިގުތިޞާދީ މައްސަލަތައް ފުނިޖެހިފައިވާވަރު އެނގިވަޑައިގަންނަވާނެއެވެ. ޤާނޫނާ ޚިލާފަށް އުޅޭ މީހުންނޭ ވިދާޅުނުވާން އެބޭފުޅުންގެ ބަހުރުވައިން އެވިދާޅުވާ "އަންޑޮކިއުމަންޓް" މީހުން އޮބިނޯންނަ ވަރަށް ތިބިކަން އެނގިވަޑައިގަންނަވާ ނެއެވެ. އެމައްސަލަ ހައްލުކުރެވުނު ހެއްޔެވެ.

އަންޑޮކިއުމެންޓް ބަޔަކު ޑޮކިއުމަންޓް ކުރެވުނީމާ ނިމުނީ ހެއްޔެވެ. ފަންނީ މީހުންނޫން މީހުން މަސައްކަތު މީހުންގެ ގޮތުގައި އެތެރެކުރުމުގެ ހުއްދަ ވަގުތީގޮތުން ހުއްޓާލައިފީމޭ ބުނެލުމުން މައްސަލަ ހައްލުވި ހެއްޔެވެ. އެހިސާބުން އަންނަން ފެށީ ފަންނީ މާހިރުންގެ ނަމުގައިކަން ދެނަހުރި މީހަކު އުޅޭހެއްޔެވެ. ޓޫރިސްޓް ވިސާގައި އައިސް އެނބުރި ނުގޮސްތިބީ ކިތައް މީހުން ކަން އެނގޭހެއްޔެވެ. ވޯކްޕާމިޓެއް ޕާސްޕޯޓެއް އޮތްތޯ ބިދޭސީއަކު ކުރެން އަހާލީ ކާކުހެއްޔެވެ.

ޤާނޫނާ ޚިލާފަށް ވިޔާފާރިކޮށް މަސައްކަތްކޮށް މިލިޔަން މިލިޔަނުން ޑޮލަރު ރާއްޖެއިން ބޭރު ކުރިއިރު ހިރުވާތަން ކަހާލެވުނު ހެއްޔެވެ. ބޭރުމީހުން ރެކްރޫޓްކުރާ އެޖެންސީތައް ޖަވާބުދާރީ ކުރެވުނު ހެއްޔެވެ. އެޖެންސީތަކަށް އެތައްހާސް ބައެއްގެ ޕާސްޕޯޓު ނަގައިގެން ބަޔަކު ބްލެކް މެއިލް ކޮށްގެން އުޅޭކަން ދެނަހުރިންހެއްޔެވެ. ދިވެއްސެއްގެ ނަންޖަހައިގެން ބިދޭސީން ކުރާ ވިޔަފާރިތައް ބަލާފާސްކޮށް ޤާނޫނީ ފިޔަވަޅު އެޅުނު ހެއްޔެވެ. މިހުރިހާ މުސީބާތެއް ރާއްޖެއަށް ފާވީ ކޮވިޑް19 އާއެކުގައެއް ނޫނެވެ. ކުރީސަރުކާރުތަކުން ހައްލު ނުކޮށް އޮތަތީ މިސަރުކާރުންވެސް ވީއިރަކުން ކުރަން ތިބީއެވެ. ބޮޑުޚަރަދެކޭބަޔަކު ޑިޕޮސިޓް ކައިފިޔޭ އިންސާނީ ހައްޤޭ ކިޔާ ފަހަތު ފަޔަށް ބުރަވެފައި ތިއްބާ ކޮވިޑް19 އަރާ އެފުށް މިފުށަށް ޖެހީއެވެ.

އެއިރު މިއޮތީ ވާނެ އެއްޗެއް ވެނިމިފައެވެ. ސަލާމަތީ މަރުކަޒުތަކުގައި ކައްކާ ކާންދޭންވެސް ތިބީ ބަނގަލާދޭސީންނަށް ވެނިމިއްޖެއެވެ. ކަޅުތުއްކަލާއިންވެސް ބަނގަލާދޭސީން ކޮވިޑް19 އަށް ފައްސިވީއެވެ. ބަނގަލާދޭސީން ވަދެފަ ނުވަދެ ދެން އެއްވެސްތަނެއް އޮންނާނެހެއްޔެވެ. އެތެރެވާ ކޮންމެ މީހަކު ސަރުކާރަށް ގަވައިދުން ދައްކަން ޖެހޭ އެއްޗެއްގެ އިތުރަށް އިމިގްރޭސަން އޮފިސަރަށާއި ބްރޯކަރަށާއި އެޖެންސީއަށް މަދުވެގެން ހާހެއްހާ ޑޮލަރު ހޭދަކޮށްގެން އަންނާނީ ގައިމު ކަމެއްވީމާތާއެވެ. ޒީރޯޓޮލަރެންސް ސަރުކާރުން މިކަންކަން ބަލައިލާނެ އަވައްޖެއް ނުވެއެވެ.

ޤާނޫނާއި ޚިލާފަށް އުޅޭ މީހުން ބަންދުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ، ދައުލަތުން ޚަރަދު ހިނގާތީ ކުރަންބޭނުން ނޫންކަމެއް ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވުމަކީ ލަދު ކަމެކެވެ. މާތް ﷲ ގަންދީ ހުވާކޮށްގެންތިބީ ޤާނޫނު ތަންފީޒުކޮށް ރައްޔިތުންގެ ހައްޤުތައް އަދާ ކުރުމަކަށް ނޫންހެއްޔެވެ. ބިދޭސީންގެ ޑިޕޮސިޓްފައިސާ ބަޔަކު ކާލިޔަސް އެހޯދެންދެން ޤާނޫނާ ޚިލާފަށް އުޅެން އެމީހުން ދޫކޮށްލާފައި ބައިތިއްބަން ވީހެއްޔެވެ. ކިތަންމެ ޚަރަދު ބޮޑަސް އަޅަން ޖެހޭ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅަން ޖެހެއެވެ.

މިހާރުމިވީ މާމޮޅަށެވެ. ފުނިފުންޏަށް ތިބި ބިދޭސީން އެތަންތަނުން ނެރެ ގައިދުރުކުރުމުގެ ނަމުގައި ހުޅުމާލެއާއި ގުޅިފަޅާއި ތިލަފުށީގައި ވަގުތީ ހިޔާހަދާ އެމީހުންނަށް ކާންބޯންދީ ބޭސް ފަރުވާ ކުރަން ސަރުކާރުގައި ފައިސާ އެބަހުއްޓެވެ. ފަހަރެއްގައި ވެސް މިވާހަކައިގެ މަޠުލަބަކީ އިންސާނިއްޔަތު އަދާކުރުމާ ދެކޮޅު ހެދުމެއްނޫނެވެ. އިހުމާލާ ދެކޮޅު ހެދުމެވެ. އިހުމާލުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ގައުމާއި ދައުލަތަށް ލިބެމުން ދާވާހަކަ ބުނުމެވެ.

އާނއެކެވެ. އިންސާނިއްޔަތުކަން އަދާކުރުމާއި ބަލި ފެތުރުން ހުއްޓުވުމަށް ބިދޭސީންގެ ތޮއްޖެހުމަށް ވަގުތީ ހައްލެއް ނަމަވެސް ހޯދަން ޖެހެއެވެ. އެހައްލަކީ ވަގުތީ ހިޔާތަކަކަށް އެވެރިން ބަދަލުކުރުން ކަމުގައި ވެދާނެއެވެ. އޭރުންވެސް ބަޔަކަށް ކާންބޯންދީ ބެލެހެއްޓުމަށް ސަރުކާރުން ޚަރަދުތަކެއް ކުރަން އެބަޖެހެއެވެ. ކުއްލިޔަކަށް މިދަނޑިވަޅު މިބުރަ އުފުލަން މިޖެހުނީ ޤާނޫނާ ޚިލާފަށް އުޅޭ މީހުން ހިފާހައްޔަރު ކޮށްގެން ކުރަންޖެހިދާނެ ޚަރަދަށް ބިރުން އެކަން ނުކޮށް އޮތުމުން ނޫންހެއްޔެވެ. ވަގުތީ ހިޔާތަކަށް ބިދޭސީން ގެންދެވުނަސް އެކަމުގައި ސަރުކާރަށް މާބޮޑު ބުރައެއް އުފުލަން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވުމުން ހައިރާންވެއެވެ. އެއިން ކޮންމެ ބޮލަކަށް އެމީހުންނާ ޒިންމާވާ ފަރާތުން ކުލި ނަގާނެކަމަށް ވިދާޅުވި ވިދާޅުވުމަކީ ބޮޑު ޖޯކެކެވެ. އެމީހުނާ ބަޔަކު ހަވާލުވެގެން ތިބިނަމަ އެމީހުން އެހާލުގައި އުޅޭކަށް ނުޖެހޭނެއެވެ. ފަހަރެއްގައި ކޮންމެސް ބަޔެއްގެ ޒިންމާ އުފުލާނެ ބަޔަކު ތިބެދާނެއެވެ. އެކަމަކު ގިނަވާނީ އެޔެއް މިޔެއް ނޭނގޭނެ މީހުންނެވެ.

ވަރަށް ބިރު އެބަ ގަނެއެވެ. ތިލަފުށީގައި އެތައްހާސް ބަޔަކު އުޅެވޭނެ ވަސީލަތްތައް ޤާއިމުކޮށް ބިދޭސީންނަށް އަވަށެއް ބިނާ ކުރާތީއެވެ. ޤާނޫނާ ޤަވާއިދާ ޚިލާފަށް ރާއްޖެއައިސް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޤާނޫނީ ފިޔަވަޅު ނާޅާ އުޅޭނެ ގޮތަކަށްއުޅެން ދޫކޮށްލެވެނީ ހެއްޔެވެ. އދ ގެ މިންގަނޑުތަކަށް ފައްތައިގެން ރެފިއުޖީ ކޭމްޕް ތަކެއް ހަދާ ރެފިއުޖީ ސްޓޭޓަސް ބަޔަކަށް ދޭން ދޮރެއް ހުޅުވާލަނީ ހެއްޔެވެ. އަންޑޮކިއުމެންޓް މީހުން ޑޮކިއުމެންޓްކޮށްލައިގެން ރާއްޖޭގައި ތިބެން މަގުހަދައިދެނީ ހެއްޔެވެ. ނަސްލީ ދެކޮޅުވެރިކަމެއް ފެށުމުގެ ރަނގަބީލު ޖަހަންފަށަނީ ހެއްޔެވެ.ހަމަ ޔަޤީނެވެ. ތިލަފުށިން ބޮޑު ބިމެއް ހިއްކާ ވޯކަރސް ވިލެޖުގެ ނަމުގައި ބަނގަލާ އަވަށެއް ބިނާކުރުމަކީ ހަށިގަނޑުގައި ކެންސަރު ބަލީގެ ސިސްޓެއް އުފެއްދުން ނޫން ކަމަކަށް ނުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!