ޚަބަރު

ފައްސިވި ޑޮކްޓަރާއި ނަރުހަށް ބަލި ޖެހިފައިވަނީ ހޮސްޕިޓަލު ތެރެއަކުން ނޫން: އައިޖީއެމްއެޗް

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރަކަށާއި ނަރުހަކަށް ކޮވިޑް-19 ޖެހިފައިވީ ނަމަވެސް، އެ ދެ މީހުނަށް ބަލި ޖެހިފައި ވަނީ ހޮސްޕިޓަލު ތެރެއަކުން ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސާވިސް ޑރ. އަލީ ނަޒީމް ވިދާޅުވީ މުޖުތަމައުގެ ތެރެއިން ޑޮކްޓަރާއި ނަރުހެއް ފައްސި ވެފައިވާ ކަން މިހާތަނަށް އެނގިފައިވާ ކަމަށާއި ހޮސްޕިޓަލުގެ ތެރެއިން ނުވަތަ މަސައްކަތުގެ މާހައުލުން މިހާތަނަށް އެއްވެސް މުވައްޒަފަކު ފައްސިވެފައިނުވާ ކަމަށެވެ.

ނަޒީމް ވިދާޅުވީ އެކި ކޭސްތަކާއި ގުޅިގެން އައިޖީއެމްއެޗުގެ ސްޓާފުން މިހާރުވެސް ކަރަންޓީނު ކުރެވިފައިވާކަމަށެވެ. އެގޮތުން، އައްޑޫ ސިޓީން އިއްޔެ އައިޖީއެމްއެޗަށް ގެނައިފަހުން ކޮވިޑަށް ފައްސިކަން އެނގުނު މީހާއާ ގުޅިގެން 16 ނަރުހެއް މިހާތަނަށް އެކަހެރިކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑު ނުތަނަސްކަމެއް އެބަ އޮތް އެއް ވޯޑަކުން 16 ނަރުހުން އެކަހެރިކުރަން ޖެހުމުން. މިކަހަލަ ދަނޑިވަޅެއްގައި އަނެއްކާވެސް އަޅުގަނޑުމެން މިޖެހެނީ މެކޭނިޒަމްތައް ބަދަލުކޮށްގެން އެތަން ފޫބައްދަން،" ޑރ. ނަޒީމް ވިދާޅުވި އެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުގައި އެޑްމިޓުކުރި މާބަނޑު މީހަކަށް ބަލިޖެހުނީ ހޮސްޕިޓަލުންކަމަށް ވާހަކަ ދެކެވުނަ ނަމަވެސް އެ އަންހެންމީހާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓުކުރިތާ ތިން ދުވަސް ފަހުން ކަމަށާއި ބަލި ޖެހުނީ އައިޖީއެމްއެޗުންކަމަށް ނުބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެ މީހާއަށް ބަލި ޖެހުނީ ހޮސްޕިޓަލުންތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެޗްޕީއޭ އިން ކަމަށާއި އެޗްޕީއޭއިން އެގޮތަށް އަންގާފައި ނުވާ ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!