ބޮލީވުޑް މުނިފޫހިފިލުވުން

މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބާރްތީ އާއި އޭނަގެ ފިރިމީހާ އެއްބަސްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނަގެ ފިރިމީހާ ހަރްޝް ލިމްބާޗިއާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެއްޖެއެވެ.

Ads by STELCO

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެންމަތި ވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި ބާރްތީ އާއި ހަރްޝްގެ ގެ ބަލައި ފާސް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މުމްބައިގައި އެމީހުން ދިރިއުޅޭ ގޭތެރެއިން "ކެނަބިސް" ފެނުމާއި ގުޅިގެން އެދެމީހުންނާ ވެސް ސުވާލުކުރަން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް އިއްޔެ ވަނީ ހާޒިރުކޮށް ހައްޔަރު ކޮށްފައެވެ.

އެންސީބީން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެދެމަފިރިން ވެސް އެއްބަސް ވެފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ބާރްތީގެ ނަން އައިސްފައި މިވަނީ، މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ހައްޔަރުކުރި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު، އެދެމަފިރިންގެ ނަން ބުނުމާ ގުޅިގެންނެވެ.

އެންސީބީން ވަނީ ލޯކަންޑްވާލާގައި ހުންނަ ބާރްތީގެ ގެއާއި ޕްރޮޑަކްޝަން ހައުސް ވެސް ބަލައިފާސް ކޮށްފައެވެ. އެމީހުން ބުނި ގޮތުގައި އެގެއިން 86.5 ގްރާމް "ގަންޖާ" ފެނިފައިވެއެވެ. އަދި އެތަކެތި ބޭނުން ކުރާކަމަށް އެދެމަފިރިން ވަނީ އެއްބަސްވެފައެވެ.

މިދެމަފިރިން ވެސް އެކަމަށް އެއްބަސްވި ކަމުގައިވިޔަސް، މަސްތުވާތަކެތި ބޭނުން ކުރާކަން ޓެސްޓުތަކުގެ ނަތީޖާއިން ވެސް އަދި ހާމަ ވެފައި ވަނީ ބާރްތީގެ އެކަނި ކަމަށް އެންސީބީން ބުނެއެވެ. އޭނަގެ ފިރިމީހާގެ ނަތީޖާ އަދި ނުލިބެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!