ރިޕޯޓް

ހެވީވެހިކަލް ދުއްވުމަށް ޓްރެއިންވާ ރާއްޖޭގެ ފުރަތަމަ އަންހެނާ، ހީވާގި ހިތްވަރުގަދަ ކަނބަލެއް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ފުރަތަމަ އަންހެން ، ހެވީ ވެހިކަލް އޮޕަރޭޓަރ ޓްރޭނީ ކަމަށްވާ ފަރާ އިބްރާހިމް އަކީ، އެމްޕީއެލް ގައި މަސައްކަތްކުރާ ހީވާގި ކަނބަލެކެވެ.

Ads by Sosun Fihaara

ހެވީވެހިކަލް އޮޕަރޭޓިން ޓްރޭނިންގެ ތެރެއިން މިހާތަނަށް ފަރާ ނިންމާފައިވަނީ ފޯކްލިފްޓް އޮޕަރޭޓިންގެވެ. ޓްރޭލަރ އާއި ކްރޭން އޮޕަރޭޓް ކުރަން ދަސްކުރުން، ކޮވިޑްގެ ދުވަސްކޮޅުވުމުން ވަނީ މަޑުޖައްސާލާފައެވެ.

އަންހެނުން ކުރާ މަސައްކަތާއި ވަރަށް ވެސް ތަފާތު މަސައްކަތެއް ކުރުމުގެ ޝައުޤުވެރިކަން އުފެދުނު ގޮތް "ދެން" އާއި ހިއްސާ ކުރަމުން ފަރާ ބުނީ، އޭނާއަކީ އަބަދުވެސް ވަރަށް ގިނަ ވެހިކަލް ދުއްވާ ހިތްވި މީހެއް ކަމަށެވެ.

"ބާރަ އަހަރު ވެއްޖެ ކާރު ދުއްވާތާ، އަބަދުވެސް ވަރަށްވޭ ބާރު ސްޕީޑުގަ އެއްޗެހި ދުއްވާލާހިތް. މިހާތަނަށް އަޅުގަނޑު ދުއްވާފަ ހުންނާނީ ކާރާއި ޕިކަޕާއި ލޮރީ" ފަރާ ކިޔައިދިނެވެ.

އެމްޕީއެލް އަށް އެމަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން ފަރާ ބުނީ، އެއީ އެމްޕީއެލް އިންވެސް ވަރަށް ހައިރާންވި ކަމެއް ކަމަށެވެ.
"އެމްޕީއެލް އަށް އެޕްލައީ ކުރީމަ އެމީހުން ވެސް އެހި ކީއްވެހޭ ހުސް ފިރިހެނުންތަކެއް އުޅޭތަނަކަށް އައީ . އަޅުގަނޑު ބުނިން ހަމަ ޝައުޤުވެރިކަން ހުންނާތީއޭ. އެމްޕީއެލް ސަރަޙައްދުގަ 100 އެއްހާ މީހުން މަސައްކަތް ކުރާނެ. އެއީ ހުސް ފިރިހެނުން. އެކަމަކާ ޖެހިލުމެއް ނުވޭ ހުސް ފިރިހެނުން ތިއްބަކަސް" ފަރާ ކިޔައިދިނެވެ.

ފަރާއަކީ ދެކުދިންގެ މަންމައެކެވެ. ދަރިންގެ ކަންކަން ވެސް ފުރިހަމައަށް ބަލަހައްޓަމުން، ވަރުބަލި ކަމެއް ނެތި މިފަދަ ބުރަ މަސައްކަތެއް ކުރަނީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ބަލި ހާލަތު ހުރި ގޮތުން މިދުވަސްވަރު އޮފީހުން ރިލީސް ދީފައިވީ ނަމަވެސް، އެންމެ ފަހުން ރިލީސް ދޭ މީހާއާއި ޖެހެންދެން ވެސް ހިތްވަރާއެކު ވިޔަފާރިވެރިންގެ ބަނދަރުގެ ފްރަންޓްލައިނުގައި އެމްޕީއެލްގެ ފަރާތުން ފަރާ މަސައްކަތް ކުރިއެވެ.

ފަރާއަކީ ހަކުރުބައްޔާއި ނޭވާހިއްލުން ހުންނަ މީހެއް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އޭގެ ސަބަބުން އޭނާގެ މަސައްކަތަކަށް އަދި އަޒުމަކަށް ބުރޫއެއް ނާރައެވެ.

"އަޅުގަނޑު މަސައްކަތް ކުރީ ކޮވިޑް ކަންތަކުގަ ފްރަންޓްލައިން ގަ. އެމަޕީއެލްގަ ވެހިކަލްތަކުގަ އުޅޭ މީހުންނަކީ ފްރަންޓްލައިންގަ މަސައްކަތް ކުރާ މީހުން. ބައިވަރު މީހުންނާ ދިމާވޭ. އެކި ތަންތަނުގެ މުދާ ނަގަން އަންނަ އެކި ފިހާރަތަކުގެ މީހުންނާ ވެސް ދިމާވޭ" ފަރާ ބުންޏެވެ.

ފަރާ: ދަރީންގެ ކަންކަން ބަލަހައްޓަމުން އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ކުރަމުންދާ ކަނބަލެއް

ފަރާއަށް މިފަދަ ފުރުސަތެއް ދެއްވި ކަމަށްޓަކައި އޭނާވަނީ އެމްޕީއެލް އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އަދި އަބަދުވެސް ކަންކަމުގައި ހިތްވަރުދޭ ކަމަށްޓަކައި އޭނާގެ އާއިލާއަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައިވެއެވެ.

"އެމްޕީއެލްގެ ހުރިހާ ވެރިންނާ ސްޓާފުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. އެމްޕީއެލް އިން އަސްލުގަ އަޅުގަނޑަށް ވަރަށް ފްލެކްސިބިލިޓީ ދޭ ކުދިންގެ ކަންކަމުގަ ދާން ވެސް. ހުރިހާ ސްޓާފުން ވެސް ވަރަށް ރަނގަޅު. އެންމެންވެސް ވަރަށް ކެއާ ކުރާނެ. ދުވަހަކުވެސް އަންހެނަކަށްވީތީ ފުރައްސާރަކޮށް އެކަހަލަ ކަމެއް ނުކުރޭ. އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އަޅުގަނޑުގެ އިންސްޓްރަކްޓަރ މުދޫ. އޭނައަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. އަދި އަޅުގަނޑުގެ އާއިލާއާއި ގާތް މީހުންދޭ ހިތްވަރަށް އެމީހުންނަށް ވެސް ޝުކުރު އަދާ ކުރަން" ފަރާގެ ވާހަކަކޮޅު ނިންމާލީ އޭނާގެ އާއިލާއަށާއި އޮފީހުގެ އެކި ފަންތީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!