ރިޕޯޓް

ލޯތްބާއި ކުލުނުގެ ނަމޫނާ، މަންމައަށް މިއަދު ވެސް ޝުކުރިއްޔާ!

ދެން އެމްވީ ، ދެން އޮންލައިން

ނުވަ މަހާއި ނުވަ ދުވަސް ވަންދެން އަހަރެން އެ ހަށިގަނޑު ތެރޭގައި ރައްކާތެރިކަމާއިއެކު ބެލެހެއްޓި ކެތްތެރި ހިތްވަރު ގަދަ މައިމީހާއަށް އުމުރު ދުވަހު ޝުކުރު އަދާކުރިޔަސް، އެ ކަމަނާ ވި ގުރުބާނީގެ ކައިވަތެއްހާ މިންވަރުވެސް އަދާ ނުކުރެވޭނެއެވެ. އެތައް ރެއެއްގެ ނިދި ނަގާލާ، އަހަރެންގެ ޚިދުމަތުގައި ވަރުބަލިވުމެއް ނެތި ޝައުޤުވެރިކަމާއެކު ހުރި މަންމައަށް ލޯތްބާއި އިޙްތިރާމެވެ. މިއަދަކީ އަހަރެމެންގެ ޚިދުމަތުގައި މުޅި އުމުރު ހޭދަކުރި ހިތްވަރުގަދަ މަންމައިންގެ ދުވަހެވެ.

Ads by Sosun Fihaara

"މަންމަ" މިއީ ނުހަނު ލުއި ލަފްޒެކެވެ. ޖަޒުބާތީ ލަފްޒެކެވެ. އެހެންނަމަވެސް މި ތިން އަކުރު ރަމްޒުކޮށްދެނީ އެތައް އިޙްސާސެކެވެ. ލޯތްބާއި ކުލުނެވެ. ހިތްވަރާއި ހިންމަތެވެ. މިހުރިހާ އިހްސާސްތަކާއި ގުޅިފައިވާ ކަމަނާއަކީ ލޯބީގެ އިމެއް ނެތް ކަމަނާއެކެވެ. ހިތްވަރާއި އަޅާލުމުގައި ނަމޫނާއެވެ. ކެތްތެރިކަމުގައި ލާމަސީލެވެ. އެކަމަނާގެ ކޮންމެ ބަލާލުމެއްގައި ވަނީ ލޯތްބެވެ. ނިޔަނެތި އެ މޫނުގައި ވަނީޚދ ހިތްހެޔޮކަމާއި ކުލުނުގެ ވިދުވަރެވެ.

ތިމާގެ ނަފްސަށް ނޭދޭ ވަރަށް އެހެން މީހަކަށް އެދޭ މީހަކީ މަންމައެވެ. ހުސްބަނޑާ ހުރެވެސް ދަރީން ކައިގެން ތިބުމަށް އެ މަންމަ އެދެއެވެ. އެކަމަނާ ބަލިވި ނަމަވެސް ދަރީން ދުޅަހެޔޮކޮށް ތިބުމަށް އެދެއެވެ. ވޭނާއި ކެކުޅުމުގައި ނުނިދި އޮންނަން ޖެހުނަސް ، އަރާމު ތަންމަތީގައި ދަރީން ނިދާލާފައި ތިބުމަށް އެ މަންމަ އެދެއެވެ. ދަރިއަކަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބުނަސް އެ މަންމައަށް ހިތާމައާއި ހިތްދަތިކަން ގެނުވައެވެ. މަންމައިންނެވެ. ތި ހިތްތަކުގައި ވަނީ ކޮންފަދަ މަތިވެރި ކުލުނެއް ހެއްޔެވެ؟ މަންމައިންގެ ހިތުގައި އެފަދަ ލޯތްބެއް ލެއްވި ﷲގެ ހުސްތާހިރު ވަންތަކަމާއެވެ.


މައިމީހާގެ ޢިއްޒަތާއި މަޤާމު އިސްލާމްދީނުގައި އަހަރެމެންނަށް ވަނީ އަންގާފައެވެ. އެކަމަނާގެ ކުރިމަތީގައި މަޑުމޮޅިވުމަށާއި ބޮޑާވެ ނުގަތުމަށް ވަނީ އަންގަވާފައެވެ. މައިމީހާ ދިމާލަށް އުއްފުގެ މިންވަރު ވެސް ބުނުން އިސްލާމް ދީނުގައި ވަނީ މަނާ ކޮށްފައެވެ. އަހަރެމެންނަށް ސުވަރުގެ ޙާޞިލް ކުރެވެން އޮތީ މައިމީހާގެ ފައިތިލަ ދަށުންނެވެ. އެބަހީ އެކަމަނާއަށް ކިޔަމަންތެރިވެ އޯގާތެރިވެގެންނެވެ. އެކަމުންވެސް ދޭހަވެގެން ދަނީ މަންމައިންގެ މާތްކަމެވެ. އިސްލާމްދީނުގައި މައިންނަށް ދީފައިވާ މަތިވެރި މަގާމެވެ.

މަންމައިންގެ ދުވަސް ފާހަގަކުރާ މި ދަނޑިވަޅުގައި ބައެއް ދަރިން މައިންނާއި ދޭތެރޭ ކަންތައް ކުރާ އިހާނެތި ގޮތުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ތިބާ ތަރުބިއްޔަތު ކުރުމަށް އަމިއްލަ ދިރިއުޅުން ވޭތުކޮށްލި މައިމީހާ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެ މަންމަ އާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާނީ ހަމަގައިމުވެސް ހިތުގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހުންނެވެ. ބައެއް މީހުން އެމީހުންގެ މައިންނާއި ދޭތެރޭ ކަންތައް ކުރާ ރަހުމު ކުޑަކަން ފެނި ހިތްފަޅައިގެން ދާހާވަރު ވެއެވެ.

މަންމަ ދެކެ ލޯބިވާ ވާހަކަ ބުނެ، މަންމައަށް ހަދިޔާ ދޭންވީ ހަމައެކަނި ވަކި ދުވަހަކު ނޫނެވެ. ކޮންމެ ދުވަހަކުވެސް ތިބާގެ މަންމަ އާއިއެކު އަގުހުރި ވަގުތުތައް ހޭދަކޮށް މަންމަ ދެކެ ލޯބިވާވަރު ބުނެދޭށެވެ. ތިބާގެ ލޯތްބާއި އަޅާލުން އެންމެ ހައްގުވާ މީހަކީ މަންމައެވެ. ހުރިހާ މަންމައިންނަށް ޝުކުރު ހައްގެވެ. މަންމައިންގެ ދުވަހުގެ ތަހްނިޔާ އަހަރެންގެ މަންމައަށް އަދި ހުރިހާ މައިންނަށް ހިތުގައި އެންމެ ފުންމިނުން އަރިސްކުރަމެވެ. މަންމައިންނެވެ! ހުރިހާ ދުވަހަކީ ވެސް ތިޔަ ޢިއްޒަތްތެރީންގެ ދުވަހެވެ. ތިޔަ ޢިއްޒަތްތެރީންނަށް އަޅާލުމާއި ލޯބި ދިނުމުގައި އަޅަމެން ސާބިތު ކުރައްވާށިއެވެ!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!