ޚަބަރު

ޔޫއޭއީއަށް ކަނޑައެޅުއްވި އާ ސަފީރު އެޤައުމުގެ ނައިބު ރައީސަށް ފަތްކޮޅު އަރުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ޔޫއޭއީގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް، އަދި ރޫލަރ އޮފް ދުބާއި، ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަށް އަރުވައިފިއެވެ.

Ads by MWSC

މިއަދު އަބޫދާބީގައި ހުންނަ ޤަސްރު އަލް ވަޠަން ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން ހަތް ޤައުމަކުން ސަފީރުން ފަތްކޮޅު އެރުވިއެވެ.

އެރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެ، އެ ބޭބޭފުޅުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާ ކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން އަބަދުވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން އަރުވައި، މިކަންކުރުމުގައި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.

ދިވެހިރާއްޖެއިން އެކުވެރި ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީ އަދި ހެޔޮ ދުޢާ އަރިސް ކުރެއްވިއެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!