ޙަޤީޤީ ޙާދިޘާ: ބޯކޯ ހަރާމްގެ އަތްދަށުން ސަލާމަތްވި ދެ އަންހެން ކުދިން ، ރޭޕްކޮށް ދަރިން ހޯދުމަށްފަހު ދަރިން ވިއްކާ ބައެއްގެ އަތްދަށަށް
އެފްރިކާގެ ފަގީރު ގައުމުތަކުގައި އަންހެނުންނަށް ކުރާ އަނިޔާއަށްވެސް ނިމުމެއް ނެތެވެ. މީގެ ދުވަސްކޮޅެއް ކުރިން ކޮންމެ ދުވަހެއްގެ ނޫހުގެ ސުރުޚީތަކުގައި ވަނީ ބޯކޯ ހަރާމް އިން އަންހެންކުދިން ހައްޔަރު ކޮށްގެން ގެންގުޅޭ ވާހަކަ އެވެ. މިހާރު މި އިވެނީ އެއަށް ވުރެވެސް އަނިޔާވެރި ބައެއްގެ ވާހަކައެވެ. ކުޑަކުދިންގެ ވިޔަފާރި ކުރާ މީހުން އެކުދިން ވިއްސުމަށްޓަކައި ޒުވާން އަންހެން ކުދިން ވަގަށް ނަގާ ވާހަކައެވެ. މީގެ ހާދިސާއަކުން ސަލާމަތްވެގެން އައި މަރްޔަމް އޭނާއަށް ކަންތައް ވީގޮތް އަލްޖަޒީރާއާ ވަނީ ހިއްސާކޮށްފައެވެ.
މަރްޔަމް އަކީ ބޯކޯ ހަރާމްގެ އަނިޔާވެރި ގައިދުން ފިލައިގެން ސަލާމަތްވި މަދު ކުދިންގެ ތެރެއިން ކުއްޖެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި، ނައިޖީރިޔާގައި މަރްޔަމް އާއި އެހެން ބައެއް ކުދިން ތިބި ކޭމްޕުން އޭނާ ބޭރަށް ނިކުތީ ބޯފެން ހޯދުމަށެވެ. އެއީ އިރާކޮޅުގެ ވަގުތެކެވެ. މަރްޔަމް ބޭރަށް ނިކުތް ވަގުތު އެހިސާބުގައި އުޅޭ، އޭނާ ވެސް ދަންނަ، މެދު އުމުރުގެ އަންހެނަކު އޭނާ އަށް ގޮވާލިއެވެ. އަދި އެހެން ސިޓީ އަކަށް ގޮސް މަހު މުސާރައަށް ގެއެއްގައި ވަޒީފާ އަދާކުރަން ބޭނުންތޯ ސުވާލު ކުރިއެވެ. 17 އަހަރުގެ މަރްޔަމް ވަގުތުން އެކަމަށް އެއްބަސްވެ ޖެހިގެން އައިދުވަހު ފުރުމަށް ތައްޔާރުވާން ފެށިއެވެ.
ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން،މަރްޔަމްގެ ދެބެންގެ ދެދަރި ރައުދާ ގާތުގައިވެސް މި ވާހަކަ ބުނެފިއެވެ. އަދި މަރްޔަމް އަށް ވަޒީފާ ހަމަޖައްސާދޭ ދައްތަ ކައިރީ ބުނެގެން ރައުދާވެސް އެ ސިޓީއަށް ދިއުމަށް ޚިޔާލު ދިނެވެ. 18 އަހަރުގެ ރައުދާ ، އެ ދައްތަ ކައިރީ އެހުމުން ރައުދާއަށް ވެސް ވަޒީފާ ހަމަ ޖެހޭނެކަމަށް ބުންޏެވެ. ދެބެން ވަރަށް އުފަލުން ތިބެ ދަތުރަށް ތައްޔާރު ވަމުން ދިޔަ އެވެ. މިދިޔަ 4 އަހަރަކީ އެކުދިން ވަރަށް ގިނަ ހިތާމައާ ބިރުވެރިކަމާ ކުރިމަތިލި ހަތަރު އަހަރެވެ. އެކަން ނިމި އާ ސިޓީއަކަށް ގޮސް މި ދިރިއުޅުމާ ދުރަށްދެވޭތީ، މުސްތަގުބަލަށް ވަރަށް ފޮނި އުއްމީދު ކުރެވެން ފެށިއެވެ.
މަރްޔަމްއާއި ރައުދާ އަކީ ކުރިންވެސް އެއް މުޖުތަމައު އެއްގައި ދިރިއުޅެމުންދިޔަ ދެކުދިންނެވެ. ބޯކޯ ހަރާމް އިން އެ އަވަށް ހިފާ، ގެތަކުގައި ހުޅުޖަހާ އަންހެނުންނާ ކުޑަކުދިން ވަގަށް ނެގުމުގެ ތެރޭގައި މި ދެކުދިން އެމީހުންގެ އަތްދަށުނުވެ ފިލީއެވެ. އާއިލާގެ ދެން ތިބި މެމްބަރުން އެމީހުންގެ ހާލަށް ދޫކޮށްލާފައެވެ. އާއިލާގެ މީހުނަށް ފަހުން ވީ ގޮތެއްވެސް މިއިން ކުއްޖަކަށް ނޭނގެއެވެ. ވަލުތެރެއިން ހިނގަމުން ގޮސް މަޑިނަޓޫ އަވަށަށް ދެވުނީއެވެ. އެ އަވަށުގައި އޮނުން ހަދާގައިވާ ގެއެއްގައި، ގައި އިތުރު 5000 މީހުނާ އެކު އުޅެމުން ދިޔައެވެ. މި ކޭމްޕްގައި ތިބި ގިނަ މީހުންނަކީ ބޯކޯ ހަރާމް އަށް ފިލައިގެން ގޮސް ތިބި މީހުންނެވެ. ކޭމްޕްގެ ދިރިއުޅުން ވަރަށް އުނދަގުލެވެ. ފުދޭވަރަށް ކާއެއްޗެއް ބޯފެނެއް ނުލިބެއެވެ. ޖެހިގެން އޮންނަ އަވަށްތަކަށް ގޮސް ކާއެއްޗެއްސަށް ސަލާން ޖަހަންވެސް ޖެހެއެވެ.
އެހެންކަމުން އެނުގޫ ކިޔާ ސިޓީއިން ވަޒީފާ ލިބުމުން ދެކުދިން އުފާ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެމީހުން އެހެން ތަނަކަށް ދާ ވާހަކަވެސް އެއްވެސް މީހެއް ގާތު ބުނާނެ ވަގުތެއް ވެސް ނުވިއެވެ. ދިގު ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް ދެވިއްޖެއެވެ. އެކުދިން ގެންދިޔަ ތަނުގައި 3 ކޮޓަރީގެ 2 ގެ ހުއްޓެވެ. އެ ގެތަކުގައި ބައިވަރު އަންހެން ކުދިން އުޅެއެވެ. ގިނަ ކުދިން ތިބީ މާބަނޑުވެފައެވެ. މަރްޔަމްއާއި ރައުދާގެ ވަޒީފާއަކީ އެ ދެގެ ކުނިކަހާ ސާފު ކުރުމާއި ބަދިގޭގެ މަސައްކަތް ކުރުން ކަމަށް އެމީހުންނާ ހަވާލުވި އަންހެން މީހަކު ކިޔައިދިނެވެ. އެނޫން އެހެން ރޭވުމެއް ގެންގުޅޭ ކަމުގެ ހިލަމެއް ވެސް މި ދެކުދިންނަކަށް ނުވެއެވެ.
އެހެންކަމުން އެނުގޫ ކިޔާ ސިޓީއިން ވަޒީފާ ލިބުމުން ދެކުދިން އުފާ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެމީހުން އެހެން ތަނަކަށް ދާ ވާހަކަވެސް އެއްވެސް މީހެއް ގާތު ބުނާނެ ވަގުތެއް ވެސް ނުވިއެވެ. ދިގު ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް ދެވިއްޖެއެވެ. އެކުދިން ގެންދިޔަ ތަނުގައި 3 ކޮޓަރީގެ 2 ގެ ހުއްޓެވެ. އެ ގެތަކުގައި ބައިވަރު އަންހެން ކުދިން އުޅެއެވެ. ގިނަ ކުދިން ތިބީ މާބަނޑުވެފައެވެ. މަރްޔަމްއާއި ރައުދާގެ ވަޒީފާއަކީ އެ ދެގެ ކުނިކަހާ ސާފު ކުރުމާއި ބަދިގޭގެ މަސައްކަތް ކުރުން ކަމަށް އެމީހުންނާ ހަވާލުވި އަންހެން މީހަކު ކިޔައިދިނެވެ. އެނޫން އެހެން ރޭވުމެއް ގެންގުޅޭ ކަމުގެ ހިލަމެއް ވެސް މި ދެކުދިންނަކަށް ނުވެއެވެ.
ރޭގަނޑު ވުމުން އެ ދެކުދިންވެސް ބޭތިއްބީ ވަކިން ދެ ކޮޓަރީގެއެވެ. އެހެން ކޮންމެ ކޮޓަރިއެއްގައި ހަތަރު ވަރަކަށް ކުދިން އުޅުނެވެ. އެކަމާ ސުވާލު އުފެދިފައި ތިބި ދެ ކުދިން ނިދަން ވަނުމުން ކަންތައްވީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. މަރްޔަމް ކިޔައިދިން ގޮތުގައި، ދަންވަރު އެ ކޮޓަރިއަށް ފިރިހެނަކު ވަދެ މަރްޔަމް ރޭޕް ކުރިއެވެ. ރައުދާއަށް ދިމާވީ މާ ނުލަފާ މީހަކާއެވެ. ރޭޕް ކުރުމުގެ އިތުރުން ރައުދާއަށް އެތައް އަނިޔާތަކެއް ކުރިއެވެ. ޖެހިގެން އައި ދުވަހު އެހެން ކުދިން އުޅޭ ކޮޓަރި އަކަށް ބަދަލު ކުރިއެވެ. ވަކި ކޮޓަރިއަށް ގެންދަނީ އެމީހުން ބޭނުން ވުމުން އެމީހުންގެ ޖިންސީ ޝިކާރަކަށް ހެދުމަށެވެ. ކޮންމެ ދުވަހަކު އެތައް ފިރިހެނުންނެއް އައިސް އެކުދިން ރޭޕް ކުރެއެވެ. މި ކަމަކީ އެމީހުން ދިރިއުޅެމުން ދިޔަ އަވަށުން ދިމާވި އަންހެން މީހާ އާ މި ތަން ބެލެހެއްޓުމަށް ހުރި އަންހެން މީހާ ގުޅިގެން ހިންގާ ކަމެއްކަން ވަރަށް ރަނގަޅަށް ދެކުދިންނަށް އެނގިއްޖެއެވެ. ނަމަވެސް އެހީއަށް އެދޭނެ ފަރާތެއް ނެތެވެ. ފިލައިގެން ދެވޭނެ ގޮތެއް ނެތެވެ. އެ ހިސާބު ބަލަހައްޓާ މީހުން ތިބެނީ ބަޑިވެސް ހިފައިގެންނެވެ.
ދިރިއުޅުމުގައި ދެން ނުލިބޭ ހިތާމައެއް ނެތްކަމަށް ހީކޮށްގެން ތިއްބާ ދެކުދިން މާބަނޑުވިއެވެ. އެވަރުންވެސް ކޮންމެ ދުވަހަކު އެކުދިން ރޭޕް ކުރުން ހުއްޓުމަކަށް ނާދެއެވެ. މިތަނުގައި ތިބި މާބަނޑު ކުދިން ވިހެއުމުން އެކުދިން ފޮނުވާލާ ތަނެއް ނޭނގެއެވެ. މަންމަ އެއް ދަރިއެއް ފަހުން ފެންނާކަށް ނުތިބެއެވެ. މިހެން ދުވަސްތައް ދަމުން ގޮސް މަރްޔަމް ވިހަން ތައްޔާރުވެއްޖެއެވެ. ބަނޑުގައި ރިއްސަން ފެށުމުން އެހެން ހިސާބަކުން އަންހެނަކު ގެނެސްގެން އެ ގޭގައި ވިއްސިއެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަވެސް އަތްލަން ވެސް ނުދީ އެމީހުން އެކުއްޖާ ގެންގޮސްފިއެވެ.
އޭގެ އަނެއް ދުވަހު ކަނު ބަނދެގެން މަރްޔަމް ގެންދިޔައީ ބަސް ސްޓޮޕަކަށެވެ. ގެންގޮސް ބަހަށް އެރުވުމަށް ފަހު ފޮތިގަނޑު މޮހާލިއެވެ. ދަތުރުގެ ޚަރަދަށް މިރިއަމް އަށް 20 ހާސް ނައިޖީރިއަން ނައިރާ ދިނެވެ. އެއީ 55 ޑޮލަރެވެ. ފިރިހެން ކުދިން ވިއްކަނީ އަގުބޮޑުކޮށް ކަމަށް މަރްޔަމްއަށް އޮތީ އެނގިފައެވެ. ނަމަވެސް އޭނާގެ ދަރިފުޅު ވިއްކާލީ ކިހާވަރަކަށް ކަމެއް މަރްޔަމް ގާތު ނުބުނެއެވެ.
މިރިއަމް އެކޭ އެއްގޮތަށް ރައުދާއަށް ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. އެމީހުން ރައުދާއާމެދު ވެސް ކަންކުރީ ހަމަ މަރްޔަމް އަށް ވެސް ކަންކުރި ހެނެވެ. ދެބެން އަލުން ބައްދަލުވީ ހަމަ ކުރިން އެކުދިން ފުރައިގެން ދިޔަ ކޭމްޕް ހުންނަ އަވަށުންނެވެ. މިދެކުދިން މިހާރު އުޅެނީ ކޭމްޕާ މާ ދުރުނޫން ހިސާބެއްގައި މަށިން ހަދާފައިވާ ގެއެއްގައެވެ. އާމްދަނީ ހޯދުމަށް ބަދަނުން ކޭކު ހެދުމާ އޮނުން ކުދި ގެ ހެދުން ފަދަ ކަންތައް ކުރެއެވެ.
މިއީ މިގޮތަށް ވަގަށް ނަގައިގެން ގެންގޮސް ދަރިން ވިއްސުމަށް ފަހު ދޫކޮށްލި ހަމަ އެކަނި ދެކުދިންނެއް ނޫނެވެ. މީގެ ވަރަށް ގިނަ ކުދިން އެފްރިކާގެ އެކި ހިސާބު ތަކުގައި އުޅެއެވެ. ވަޒީފާގެ ދަޅަދައްކައިގެން ގެންގޮސް މިގޮތަށް ވިއްސާ ކުދިންނަށް ލިބޭ އަންހެން ދަރިން 1000-1350 ޑޮލަރަށް ވިއްކާއިރު، ފިރިހެން ކުއްޖަކު ވިއްކަނީ 2000-2700 ޑޮލަރަށެވެ.