ވައިރަސް ގެ ބިރު އިތުރަށް ބޮޑުވެއްޖެ: ލޮލުގެ ޒަރީއާއިން ވެސް ހަށިގަނޑަށް ވައިރަސް ވަދޭ
ލޮލުގެ ޒަރީއާއިން ވެސް ހަށިގަނޑަށް ކޮރޯނާ ވައިރަސް ވަންނަ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިން މިހެން ބުނެފައިވަނީ އިންފެކްޝަން އާއި ހަށިގަނޑުގެ ސެލް ތަކާއި ގުޅުވައިދޭ ޕްރޮޓިން އިން ލޮލުން ދެނެގަނެވެމުންނެވެ.
ކޮރޯނާ ވައިރަސް ނުވަތަ ސާރސް-ކޮވް-2 ހަށިގަނޑު ގެ ސެލް ތަކުގެ ތެރެއަށް ވަންނަނީ އޭސް-2 ނަމަކަށް ކިޔާ ރިސެޕްޓަރ ތަކެއްގެ ޒަރިއާއިންނެވެ. އެގޮތުން މި ރިސެޕްޓަރ ތައް ނޭވާލާ ހޮޅިއާއި ފުއްޕާމޭ ގައި ވެސް ހުރެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން ވައިރަސް ސެލް ތަކަށް އެތެރެ ވަނީ މިފަދައިން ކަމަށް ސައިންސްވެރިން ގަބޫލުކުރިއެވެ.
ނަމަވެސް ދާދި ފަހުން ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ އޮފް ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއެއްގައި ލޮލުން ވެސް އޭސް-2 ރިސެޕްޓަރ ވަނީ ފެނިފައެވެ.
އެއާއެކު ވައިރަސް ގެ މިސްރާބު ދެން ހުރީ ލޮލަށް ކަމަށް ގިނަ ސައިންސްވެރިން ދެކެއެވެ. އަދި މިއީ ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް މާހިރުން ގަބޫލުކުރެއެވެ.
އެއާއެކު ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އެހެން މީހުންގެ ލޮލަށް ވައިރަސް ވަދެ އެމީހަކަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ފޭސް މާސްކުން ވެސް ވައިރަހުން ރައްކާތެރިއެއް ނުވެވޭނެއެވެ.
މީގެ ކުރިން ވެސް ވައިރަސް ޖެހުނު ބައެއް މީހުންގެ ލޯ ދުޅަވެ ރަތް ވާ މައްސަލަތަކެއް ވަނި ކުރިމަތިވެފައެވެ. އަދި މިއީ ލޮލުގެ ޒަރިއާއިން ވައިރަސް ވަނުމުން ދިމާވާ ކަމެއްގެ ގޮތުގައި ސައިންސްވެރިން މިހާރު ގަބޫލުކުރެއެވެ. އަދި ވައިރަސް ލޮލުން ވަނުމުގެ އިތުރުން، ކަރުނައިން ވައިރަސް ފެތުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ސައިންސްވެރިން ދެކެއެވެ.
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ދުވަހަކުން ދުވަހަކަށް އިތުރު ވަމުން އަންނައިރު މި ވައިރަހަށް އަދިވެސް ފަރުވާއެއް ހޮދިފައެއް ނުުވެއެވެ. ނަމަވެސް ވައިރަހަށް އުފެއްދި ވެކްސިން ތަކުގެ ގިނަ ޓްރަޔަލް ތަކެއް ކުރިއަށް ދަމުންދާ ކަން ފާހަގަކޮށްލަންޖެހެއެވެ.