ޚަބަރު

އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާ ކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރުމަށް ނިންމައިފި އެވެ.

Ads by STELCO

ރާއްޖޭގައި ހުރި އިންޑިއަން ހައި ކޮމިޝަނުން މިރޭ ބުނެފައިވަނީ ރާއްޖެއަށް އެހީގެ ޝިޕްމެންޓު ފޯރުކޮށްދެނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މެދުގައި ކުރެވުނު މަޝްވަރާގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހީގެ ދަށުން ކަމަށެވެ.

ރާއްޖެއަށް ހަދިޔާކޮށްފައިވާ 580 ޓަނުގެ ކާބޯތަކެތި ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ ކަމަށާއި އެތަކެތި އަންނާނީ އައިއެންއެސް ކޭސަރީގައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ

  • 200 ޓަނުގެ ހަނޑޫ
  • 140 ޓަނުގެ ގޮދަން ފުށް
  • 90 ޓަނުގެ ހަކުރު
  • 120 ޓަނުގެ ރީނދޫ މުގު
  • 26 ޓަނުގެ ފިޔާ
  • 14 ޓަނުގެ އަލުވި

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

އެގޮތުން އައިއެންއެސް ކޭސަރީ ފުރަތަމަ ދިވެހިރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށްވެސް އެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެ އެއްބަސް ވާގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާއި މި ބަލިމަޑުކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން އަރައިގަތުމުގެ އެންމެ ފުރިހަމަ ސްޓްރެޓެޖީއަކީ ސަރަހައްދީ ގައުމުތަކުން އަތްގުޅާލައިގެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!