ކޮންމެ ރަށެއްގައި ކަރަންޓީން ފެސިލިޓީއެއް ހަދަނީ
ކޮންމެ ރަށެއްގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ނިންމައިފިއެވެ. މިކަން ސަރުކާރުން ހާމަކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން އަތޮޅުތެރޭގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ކަނޑައަލައި އާންމު ކުރައްވަމުންނެވެ.
މި އުސޫލުގައިވާ ގޮތުން ކޮވިޑް19 ޖެހިފައިވާ މީހުންނާއި ބަލީގެ ޢަލާމާތްތައް ހުރި މީހަކު ރަށުން މާލެ ގެންދެވެންދެން، އެކަހެރިކުރުމަށްޓަކައި އެރަށެއްގެ އާބާދީގެ 1 އިން ސައްތަ މީހުންނަށް އެކަށީގެންވާ ވަރުގެ ފެސިލިޓީއެއް ކޮންމެ ރަށެއްގައި ގާއިމުކުރެވިފައި ނުވަތަ ކަނޑައަޅާފައި ހުންނަންވާނެއެވެ.
މީގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ މީހުންނާއި އެނޫންވެސް ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނު ކުރުމަށް ރަށެއްގެ އާބާދީގެ 4 އިން ސައްތަ މީހުންނަށް އެކަށީގެންވާ ވަރުގެ ކަރަންޓީނު ފެސިލިޓީއެއް ނުވަތަ ކަރަންޓީނު ކުރުމަށް ކޮޓަރިތަކެއް ކޮންމެ ރަށެއްގައި ގާއިމުކުރެވިފައި ހުންނަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ކޮވިޑް19 އާއި ގުޅިގެން ރަށް ރަށުގައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން އެއްރަށުން އަނެއް ރަށަށް މީހުންނާއި މުދާ އުފުލާ އުޅަނދުތަކުގައި މަސައްކަތް ކުރާ މީހުން ގެ ރެންޑަމް ސާމްޕަލް ތައް ކޮވިޑް19 އަށް ޓެސްޓުކުރުމާއި ކޮމިޔުނިޓީ ސްޕްރެޑް އޮތް ތަނަކުން ދަތުރުކޮށްފައި އަންނަ މީހުން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ވެސް މި އުސޫލުގައިވަނީ އަންގާފައެވެ. އަދި ކަރަންޓީނު ކުރުމުގައި ގެންގުޅޭނެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.
ހަަމައެހެންމެ ހުރިހާ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކާއި އަދި ސެންޓިނަލް ސަރވައިލަންސް ކުރުމަށް ކަނޑައަޅާފައިވާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާންޕަލް ނަގަންވެސް އެ އުސޫލުގައި އަންގާފައިވެއެވެ. އަދި މިފަދަ މީހުން ގެ ގައިގައި ހުން ހުރިނަަމަވެސް އަދި ނެތް ނަމަަވެސް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.