ދުނިޔެ

ގެންގުޅޭ ކުއްތާ ސަލާމަތް ކުރަން ކޯރަށް ފުންމާލާ ކިނބުލެއްގެ އަނގަ ގަދަކަމުން ހުޅުވައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ "ފްލޮރިޑާ" ގައި ދިރިއުޅޭ އުމުރުން 74 އަހަރުގެ ފިރިހެނެއް ގެންގުޅޭ ކުއްތާ ސަލާމަތް ކުރުމަށްޓަކައި ކިނބުލެއްގެ އަނގަ ގަދަކަމުން ހުޅުވައިފިއެވެ.

Ads by Sosun Fihaara

މި މީހާ ބޭރުގެ މީޑިއާއެއް ކަމަށްވާ "އެންޑީޓީވީ" އަށް ދީފައިވާ އިންޓަރވިއު އެއްގައި ބުނެފައިވަނީ، އޭނަ ގެންގުޅޭ ކުއްތާ ގޮވައިގެން އެ ފެންގަނޑު ކައިރިން ދިޔައީ ހިނގާލަން ކަމަށެވެ. އެހެން ނަމަވެސް ހީނުކުރާހާ އަވަހަށް އެ ކިނބޫ ކުއްތާ ޖަހައިގަތީ ކަމަށެވެ. އެހެން ވުމުން އުމުރަށާއި އަމިއްލަ ސަލާމަތަށް ބެލުމެއް ނެތި އޭނާ މަސައްކަތް ކުރީ އޮޅުކޮށްގެން ގެނގުޅުނު ކުއްތާ ސަލާމަތް ކުރެވޭތޯއެވެ.

އެގޮތުން ވީ އެންމެ އަވަހަށް އޭނާ ވެސް ފެންގަނޑަށް ފުންމާލީ ކަމަށާއި، ކިނބޫ ހިފެހެއްޓުމަށް ފަހު ގަދަކަމުން އެ ކިނބުލުގެ އަނގަ ހުޅުވީ ކަމަށެވެ. ސަބަބަކީ ގެންގުޅުނު ކުއްތާގެ ގައިގައި ދަތްއަޅައިފައި އޮތުމުން ކުއްތާ ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ މައުލޫމާތު ދީފައި ވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކުއްތާއަށް މާބޮޑު އަނިޔާތަކެއް ލިބިފައި ނުވި ނަމަވެސް އޭނާގެ އަތުގެ ބޮޑު ބައެއްގައި އެ ކިނބޫ ދަތް އަޅާފައި ވާކަމަށެވެ. އެހެންނަމަވެސް އެހާ ލޯބިން ގެންގުޅުނު ކުއްތާ ސަލާމަތް ކުރެވުނީތީ އެކަމާ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި މި ވީޑިއޯ މީސްމީޑިއާގައި ދައުރު ވާން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!