ސީޕީ ހަމީދުގެ މައްސަލަ ހޯމް މިނިސްޓަރ އިމްރާން އިންޓެގްރިޓީއަށް ފޮނުވުމަށް އުމަރު ނަސީރު ގޮވާލައިފި
މީސް މީޑިއާ ގައި މިހާރު ދައުރު ވަމުންދާ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޕާޓީކުރާމާހައުލެއްގައި އުޅޭ ފޮޓޯ ތަކާއި ވީޑިއޯ ތަކާއި ގުޅިގެން މި މައްސަލަ، ހޯމް މިނިސްޓަރ އިމްރާން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް ހުށަހަޅަން ޖެހޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކު ޕޭޖުގައި ހިއްސާކުރެއްވި ބަޔާނެއްގައެވެ.
މީގެ މިފަދައިން ފުލުހުންގެ މައްޗައް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން މާޒީގައި ކަންތައްކުރައްވާފައިވާގޮތް ހާމަކުރައްވާ އުމަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ އާއި ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރ ގެ ހުވަޔާ އެއްގޮތަށް މިނިސްޓަރ އިމްރާން އަމަލު ކުރައްވަންވާނެ. 2008/5 ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް މިނިސްޓަރ މި މައްސަލަ ފޮނުއްވަންވާނެ ކަމަށެވެ.
އެގޮތުން މީގެ ކުރިން މަޖީދީ މަގުގައި ހުރި ރުއްތަކެއް ކެނޑި މައްސަލައިގައި ފުލުހަކާއި މެދު ތުހުމަތު ކުރެވުނު ދުވަހު، އޭރުގެ މިނިސްޓަރު ކަންތައް ކުރެއްވި ގޮތް އުމަރު ހިއްސާކުރެއްވިއެވެ.
"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރ ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފަ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލް ވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތަށް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފަ" އުމަރު ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރ ކަން ކުރުމަކީ ތޯ ތޯ ކަމެއް ނޫންކަމަށް ފާހަގަކޮށް ޤާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެކަމާއި ހުވަޔާ އެއްގޮތަށް އަމަލު ކުރަން ވާނެކަމަށް ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން އަދާކުރެއްވި އުމަރު ވިދާޅުވިއެވެ.
ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު ޕާޓީ ކުރާ މަންޒަރުގެ ވީޑިއޯ އާންމުކޮށްފައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.