ޚަބަރު

ސަރުކާރާ މަޓީއާ ދޭތެރޭ އެއްވެސް ނުތަނަވަސް ކަމެއް ނެތް: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ(މަޓީ)އާ ދޭތެރޭ އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޓީ އިން ވަނީ ސަރުކާރުން އިޤްތިސާދީ ޕެކޭޖު ތައާރަފް ކުރީ މަޓީއާ މަޝްވަރާ ނުކޮށް ކަމަށާއި އެ ޕެކޭޖުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ވާނެ މާބޮޑު ފައިދާއެއް ނެތްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މި ބަޔާނަކީ ސަރުކާރުގައި ކޮޅު ފައިން ޖެހުން ކަމަށް އޮކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ރައްދުގައި ސިފަކުރައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރާއި މަޓީއާ ދެމެދު އެއްވެސް ހާސްކަމެއް އަދި ނުތަނަވަސްކަމެއް ވެސް ނެތް ކަމަށާއި މަޓީގެ ފަރާތުން މިއަދާއި ހަމައަށް ސަރުކާރަށް އެއްބާރުލުން ލިބިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަޓީއަކީ ހަމައެކަނި އެތަނުގެ ބޯޑުގައި ތިބި ވިޔަފާރިވެރިންކަމަށް ދެކިގެން ނުވާނެ ކަމަށާއި އެއީ އެތައް ރައްޔިތުންނަކާއި ގުޅިފައިވާ ބައެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މަޓީއާއެކު އިތުރަށް މަޝްވަރާތައް ކުރެވިގެންދާނެ. ބައެއް ފަހަރު ހުރިހާ ނިންމުމަކީ އެންމެ ބޭނުންވާ ގޮތަށް ނިންމާ ނިންމުމަށް ވެސް ނުވެދާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން މަޓީއާއެކު ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް އޮންނާނެ ކަމަކަށް." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މީގެން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި މިއޮތްހާ ދުވަހު ހީކުރެވިފައި އޮތީ ރިލީފް ޕެކޭޖާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ގެންދެވުނީ މަޓީގެ ބޭފުޅުންނާއި ކަމަށާއި ނަމަވެސް މަޓީގޭ ބޭފުޅުން އެގޮތަށް ވިދާޅުވާނަމަ އޭނާ އަށް ބައްދަލުކުރައްވަން ވަޑައިގެންނެވީ ސިފަ ބަދަލުކޮށްގެން ތިބި ބައެއްތޯ ބަލާނެ ކަމަށެވެ.

"މަޓީން އެ ނެރުނު ބަޔާނަކީ މިވަގުތު، މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިންޖެހުމޭ ދަންނަވާނީ. އިތުރަށް މިއަށް ވާހަކައެއް ދައްކާކަށް ނެތިން" ފައްޔާޒު ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!