ހަގީގީ ހާދިސާ: "އަހަރެން ބޭނުމީ ދަރިން ސުވަރުގެއަށް ދާން، ޔޫރަޕަށް ނުދެވުނަސް ހެޔޮ!"
މިއީ މީގެ ހަތަރު އަހަރު ކުރިން ހިނގި ހާދިސާއެކެވެ.
ވަރަށް ގިނަ ދުވަސްތަކަކަށްފަހު އަންހެނަކަށް، އޭނާގެ އެކުވެރި އެހެން އަންހެނަކާއި ހުޅުމާލެ ފެރީއިން ދިމާވިއެވެ. އެކަކު އަނެކަކުގެ ޙާލު އަހުވާލު އަހާ ދިރިއުޅުމުގެ ކަންތައްތައް ކިހިނެއްތޯ އަހާ އޮޅުން ފިލުވިއެވެ.
އެއަންހެން މީހާގެ ދެ އަންހެން ދަރިން ތިބި ކަމަށާއި އެކުދިންގެ އުމުރަކީ އަށް އަހަރާއި ހަ އަހަރު ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އޭނާގެ ބޭބެ ކައިރިއަށް ޗުއްޓީއެއް ހޭދަކޮށްލުމަށް އިޓަލީ އަށް ދާން އުޅޭ ކަމަށާއި ނަމަވެސް އޭގެ ކުރިން އެ ދެ އަންހެން ދަރިން ބުރުގާ އަޅުވަން ޚިޔާލު ކޮށްފައިވާ ކަމަށް ވެސް އުފަލާއެކު ބުންޏެވެ.
މިހެން ބުނުމުން އޭނާގެ އެކުވެރިޔާ، ދެބުމައަށް ގޮށް ޖަހާލާފައި ބުންޏެވެ.
"މޮޔަވީތަ؟ ކީއްކުރަން އެހާ އަވަހަށް އަޅުވާ ބުރުގާއެއް؟ އަދި އެކުދިން މާކުޑައެއްނު. އުނދަގޫވާނެ އަދި ބުރުގާ އަޅައިގެން އުޅެން."
މިހެން ބުނުމުން އޭނާ ބުންޏެވެ. "ނޫނޭ. ކުޑައިރުން ފެށިގެން ހެވާއި ނުބައި ދަސްކޮށްދޭން ވާނެ ދޯ."
ދެބަސްވުމުގެ ގޮތުން ބޯ ހޫރާލާފައި އެކުވެރިޔާ ބުންޏެވެ. "މަށަކަށް ނުފެނޭ އަދި ބުރުގާ އަޅުވާކަށް. ކީއްކުރަން؟ އަދި މާކުޑައެއްނު އެކުދިން. ބުރުގާގެ މާތް ކަން އަދި ނުވެސް އެނގޭނެ. ތިހެން ގަދަ ބާރުން އެހާ ކުޑައިރު ބުރުގާ އެޅުވީމަ ބޮޑުވެގެން ފެންނާނީ ބުރުގާ ނަގާ އެއްލާލާތަން. އެއިރުން މާ ދެރައެއްނު"
އެކެވެރިޔާ އެހެން ބުނުމުން ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ. "ގަދަ ބާރުންނެއް ނޫން މިއަޅުވަނީ އަސްލު. ماشاءالله އެކުދިންނަށް މިކަމުގައި މިހާރުވެސް ހެވާއި ނުބައި އެނގޭ. އެކުދިން އަމިއްލައަށް ވެސް ބޭނުންވަނީ ބުރުގާ އަޅަން. އެހެން ބައެއް މީސްމީހުން ގަޔަށް ބާރު ހެދުން ލައިގެން އުޅޭތަން ފެނުނީމައާއި ކުރު ހެދުން ލައިގެން އުޅޭތަން ފެނުނީމަ އެކުދިން އަމިއްލައަށް ވެސް ބުނޭ ޗީޑިއޭ، އެގޮތަށް ހެދުން އަޅާކަށް ނުވާނެ ދޯ އޭ. އެކަހަލަ ހެދުން ލީމަ މާތް ﷲ ދެރަވާނެ ނޫންހޭ. އަހަރެންގެ ދަރިންނަކީ ކުރު އެއްޗެހި ވެސް ލާ ކުދިންނެއް ނޫން. އެކުދިން އަބަދުވެސް ބުނޭ ދިގުކޮށް ހުންނަ ހެދުމޭ ލާނީ، މަންމާއޭ ކޮންއިރަކުންހޭ ތިމަންނާމެން ބުރުގާ އަޅާނީ؟ ބުރުގާ އަޅަން ބޭނުމޭ. މާ ރީއްޗޭ ބުރުގާ އެޅީމަ"
"އެއީ އެކުދިންނަށް އަދި ނޭނގޭތީ. އެކުދިން އަދި ކުޑަވީމަ އެއީ" އެކުވެރިޔާ ބުންޏެވެ.
"އަލްޙަމްދުލިﷲ އެހެންވިއްޔާ. އެކުދިން އެހާ ކުޑައިރު ވެސް އެކުދިންނަށް އެހެންވީމަ އެބަ އެނގޭތާ ދޯ މާތް ﷲ ނުރުއްސަވާނެ ކަންތައްތައް. އަހަރެން އުފާ ކުރަން އެހެންވީމަ އެކަލާނގެ ލޯބިވާނެ ގޮތްގޮތަށް އުޅުމަށް އެކުދިން މިހާ ކުޑައިރު ވެސް ލޯބިކުރާތީ. މިހާ ކުޑައިރު ރަނގަޅު މަގު ވިސްނިގެން އެކުދިން އެވާހަކަ ދައްކާއިރު، އަހަރެންވީ އެއީ އެކުދިންނަށް ނުވިސްނޭތީ ބުނާ އެއްޗެހި ކަމަށް ހަދާފަ، އެކުދިންގެ ހެޔޮ ވިސްނުން ބަދަލު ކުރަންތަ؟ ނޫނޭ. إن شاء الله އަހަރެން ދުވަހަކުވެސް ތިހެން ނުހަދާނަން." ހިނިތުންވުމާއެކު، އަމިއްލަ ދަރިންނާއި މެދު ފަޚުރުވެރިވެ އެމަންމަ ބުންޏެވެ.
ދެމީހުންގެ ބަހުސް އެހިސާބަށް ދިޔުމުން، އަންހެން މީހާގެ ހިޔާލު ބަދަލު ކުރުވަން ދެން އިތުރަށް ކިޔާނީ ކީކޭތޯ އެކުވެރިޔާ ވިސްނިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އޭނާ ބުންޏެވެ.
"އެހެން ނޫނަސް ތިބުނީ ތިއުޅެނީ ބޭބެ ކައިރިއަށް އިޓަލީއަށް ދާށޭ. އެނގޭތަ؟ އިޓަލީ އެއީ ޔޫރަޕުގެ ޤައުމެއް. އެމީހުން ވަރަށް ރުޅި އަންނާނެ މުސްލިމުން ދެކެ. އެމީހުންނަށް ކަމަކު ނުދާނެ ބުރުގާ އަޅާފަ ތިބޭ މުސްލިމު ބޮޑެތި އަންހެނުންނެއް ވެސް. ދެން ކުޑަ ކުޑަ ކުދިންތަކެއް ބުރުގާ އަޅާފަ ހުރިތަން ފެނުނީމަ އެމީހުން ކީކޭ ހިތައް އަރާނީ. އެމީހުން ކަންތައް ކުރާނެ ގޮތާއި ދޭތެރޭ ވިސްނަބަލަ. ދަރިން ޔޫރަޕަށް ވަނަ ނުދީފިއްޔާޔޯ؟ އެކުދިންނަށް ޔޫރަޕަށް ނުދެވިއްޖިއްޔާޔޯ؟" އަންހެންމީހާގެ ކުޑަ ދެ ދަރިން ބުރުގާ އެޅުވުމުގެ ހިޔާލު ބަދަލު ކުރުވޭތޯ އެކުވެރިޔާ ބުންޏެވެ.
އޭނާ އެބުނި ބަސްތަކަށް އަންހެން މީހާ ދިނީ ވަރަށް ހީ ވެސް ނުކުރާ ކަހަލަ ޖަވާބެކެވެ. އަންހެން މީހާ ބުންޏެވެ.
"އެކުދިންނަށް ޔޫރަޕަށް ނުދެވުނަސް އަހަންނަށް ހެޔޮ. އަހަރެން ބޭނުމީ އެކުދިން ސުވަރުގެއަށް ވަންނަން. އެކުދިންނަކީ ސުވަރުގެވަންތަ ވެރީން ކަމުގައި ވާން. ޔޫރަޕަށްވުރެ ހަމަ ޔަޤީނުންވެސް ސުވަރުގެ މާރީތިވާނެ ދޯ. ސުވަރުގެއަށް ދެވުމުން މާ އުފާވެރި ވާނެ"
އަންހެންމީހާ ގެ އެޖަވާބުން އޭނާގެ އެކުވެރިޔާގެ ބަސް ހުއްޓުނެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެ، ދަތުރު ކުރަމުން ދިޔަ މަންޒިލަށް ދެވެން ދެން ވެސް މަޑުން އިނެވެ.
މިހާދިސާގައި ބުރުގާ އަޅާފައި ތިބޭ ކުދިންނަށް ޔޫރަޕަށް ނުދެވޭނެ ކަމަށް އެއެކުވެރިޔާ ބުނެފައިވާ ބުނުމަކީ ދޮގެކެވެ. ބެލެވޭ ގޮތުގައި އެއީ އަންހެން މީހާގެ ހިޔާލު ބަދަލު ކުރުވޭތޯ އޭނާ ހަދަހަދައިގެން ދެއްކި ވާހަކައެކެވެ.