ޚަބަރު

މި އަހަރަށް އަމާޒުކުރި ޓާގެޓަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ: ޓޫރިޒަމް މިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކުރި ނަމަވެސް މި އަހަރަށް އަންދާޒާ ކޮށްފައިވާ އަދަދަށް ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދަތުރުތައް އިތުރުވުމާ ގުޅިގެން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އިތުރު ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާ ކުރާކަމަށެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން ހިތްހަމަޖެހޭ މިންވަރަށް ފަތުރުވެރިން ރާއްޖެ އަންނަމުން ދާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފާއިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިން އިތުރު ކުރުމަށް ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގަ މަސައްކަތް ކުރާ ހުރިހާ ބޭފުޅުން ވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ޓްރެވެލް އޭޖެންޓުންނާއި އެއަރލައިންތަކާއި، ރިސޯޓް، ހޮޓާ، ސަފާރީ މި ހުރިހާ ބޭފުޅުންގެ ހަމަ މިންނެތް މަސައްކަތުން މި ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި މިއޮތީ" މިނިސްޓަރ ވިދާޅުވިއެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން ޓޫރިޒަމް އިން ޓާގެޓް ކޮށްފައި ވަނީ އެއް ލައްކަ ފަތުރު ވެރިން ރާއްޖެ ގެނައުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!