ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ބޭނުން ކޯޓަކަށް ގޮސް ދެއްކޭނެ ގޮތް ހަދައިފި
ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި އަމުރުތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާތައް ރާއްޖޭގެ ހުރިހާ ކޯޓަކަށް ވެސް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޯޓުތަކާއި އެ ކޯޓުތަކުގެ ބްރާންޗްތަކުން ކުރާ ހުކުމްތަކާއި އަމުރުތަކާއި އެންގުންތަކާއި ޗިޓްތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާ އެ ޑިޕާޓްމަންޓަށާއި ރައްޖޭގެ ކޮންމެ ކޯޓަކަށް ވެސް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ ކޯޓުތަކުން ހޯދާ ހިދުމަތްތަކާ ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ބަހައްޓަން ޖެހޭ ޑިޕޮޒިޓް ވެސް ކޮންމެ ކޯޓަކަށް ދެއްކޭނެ ކަމަށެވެ.
މީގެ ކުރިން ފައިސާ ދައްކަން ޖެހެނީ އެ ހިދުމަތް ހޯދާ ނުވަތަ އެ ފައިސާއެއް ދައްކަން ހުކުމް ކުރާ ޝަރުއީ ކޯޓަށެވެ. ނަމަވެސް މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން ފައިސާ އަސްލު ލިބެންވީ ކޯޓު ނުވަތަ ބްރާންޗް ނޫން ކޯޓަކަށް ފައިސާ ދެއްކިޔަސް އެ ފައިސާ ބަލައިގަނެ އެ ފަރާތަކަށް ދޭން ޖެހޭ ހިދުމަތެއް ދިނުމަށް ކޯޓުތަކަށާއި ކޯޓުތަކުގެ ބްރާންޗަށް ވަނީ އަންގައިފަ އެވެ.
މިއީ ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކޮށްދީފައިވާ ކަމެކެވެ.