އިންޑިޔާގެ ސިއްޙީ މަސައްކަތްތެރިންނަށް ކޮވިޑް-19 ޖެހުމުން ލީ ތަނުގައި، ކާއެއްޗެއް އަދި ބޯފެން ފޮދެއްވެސް ނުދޭ
އިންޑިޔާގެ ދިއްލީގައި ހަ ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 5 އިންސައްތަ މީހުންނަކީ ސިއްޙި އެހީތެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ބަލި މީހުނަށް ފަރުވާ ކުރުމުގެ ތެރޭގައި މި ބަލި ޖެހުނު ޑޮކްޓަރުންނާއި ނަރުހުންނެވެ. މި މީހުން ބައްޔަށް ޕޮޒިޓިވް ވުމުން އެމީހުންބައިތިއްބާފައިވާ ތަނުގެ ހާލަތު ކިޔައިދީ ތިން މީހަކު ވަނީ ވީޑިއޯއެއް އާންމު ކޮށްފައެވެ.
މިގޮތުން ބީ.އާރް އަމްބޭދްކަރް ކިޔާ މީހަކު ބުނީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެމީހުން ބަދަލުކުރި ކަރަންޓީނު ފެސިލިޓީގައި ރަނގަޅު ކާނެ އެއްޗެއް، ބޯނެ ފެނެއް އަދި ފާޚާނާ ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. މާސްކް އަޅައިންގެން ދެ އަންހެނުންނާ ފިރިހެނަކު ފެންނަ މި ވީޑިއޯގައި އެމީހުން ބުނެފައިވަނީ، އެމީހުންނަށް ކޮވިޑް-19 ޖެހުނީ ހޮސްޕިޓަލް ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ.
މި ވީޑިއޯ ފަށަމުން އެއް އަންހެނަކު ބުނީއެ ތިން މީހުންނަކީ ވެސް ދިއްލީގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރި ތިން މީހުންކަމަށެވެ. އެމީހުންވަނީ އެތަނުގައި ކޮވިޑް-19 ގެ ބަލިމީހުނަށް ފަރުވާ ދިނުމުގެ ތެރޭގައި އެމީހުނަށް ބަލި ޖެހުމުން އެމީހުން ގެނެސް ލީ ތަނުގެ ޙާލަތު ވީޑިއޯއިން ދައްކަމުން ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކޭޖްރިވާލް އަށް މަލާމާތުގެ ރާގުން ޝުކުރު އަދާކޮށްފައެވެ. ސަރުކާރުގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ގެ ބަލިމީހުނަށް ފަރުވާ ދިނުމުގައި އެހީތެރިވުމުން، އެކަމުގެ ބަދަލު މި ލިބުނީ ވަރަށް ރަނގަޅަށް ކަމަށް ބުނެ ވާހަކަ ދެއްކި އިރު އެމީހާ ހުރި ރޮވިފައެވެ. ސަރުކާރުން މުވައްޒަފުންނަށް މިވަރުގެ ފެސިލިޓީއެއް ލިބުނު އިރު އެމީހުންގެ އާއިލާގެ މީހުނަށް މިއަށްވުރެ ރަނގަޅު ފެސިލިޓީ ލިބޭނެކަމަށް ވެސް މި އަންހެން މީހާ ބުނެއެވެ. ވީޑިއޯ ގައި ފެންނަ ފިރިހެން މީހާ ބުނީ އެތަނަށް ދިޔަ ފަހުން ހަތަރު ފަސް ގަޑިއިރު ވެއްޖެކަމާ، ފެންފޮދެއް ވެސް މީހަކު ނުދޭކަމަށެވެ. ތިންވަނައަށް ހުރިމީހާ ބުނީ އެމީހުން އެތަނަށް ގެނައިފަހުން އިތުރު ބަލި މީހުން ގެނެސްފި ކަމަށާއި، އެންމެންގެ ހާލުވެސް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.
"ދަ ވަޔަރ" ނޫހަށް މައުލޫމާތުދެމުން، އެ ވީޑީއޯގައި ފެންނަ ފިރިހެން މީހާ، ދަރްމެންދަރު ބުނީ ފަހުން އެ ތިން މީހުން ރާޖީވް ގާނދީ ކެންސަރ ހޮސްޕިޓަލްގެ ރަނގަޅު ވޯޑަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ އެތަނުގައި ކެއިން ބުއިމާއި ސިއްހީ ފަރުވާގެ އިންތިޒާމް ހަމަ ޖެހިފައިވާ ކަމަށެވެ.