ޚަބަރު

ޓްރީޓޮޕަށް ދިޔަ މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ޓްރީޓޮޕަށް ހޮސްޕިޓަލަށް ދިޔަ މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބައްޔަށް ފައްސިވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގޮސްފައިވަނީ އެހެން ސަބަބަކާއި ހުރެ ކަމަށާއި، އެމީހާ ބައްޔަށް ފައްސިވިކަން އެނގުނީ މިހާރު އޮންނަ އުސޫލުގެ ތެރެއިން ނެގި ސާމްޕަލް އިން ކަމަށެވެ.

ޓްރީޓޮޕް، ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާއިރު، އެ ހޮސްޕިޓަލުގައި 11 މީހަކު ވަނީ އެޑްމިޓްކޮށްފައިވެއެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އެއީ އުމުރުން 54 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކު ފައްސިވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 304 ދިވެއްސަކާއި، 600 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 32 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބިދޭސީ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!