ޚަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސިރާޖު ހުށަހެޅި އިސްލާހު ބަލައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ހާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި ދައުވާގެ މުއްދަތު ނުހިނގާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުން ބަލައިގެންފިއެވެ.

Ads by Sosun Fihaara

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އެ އިސްލާހު ބަލައިގަތީ 57 މެންބަރުންގެ ވޯޓުންނެވެ.

ސިރާޖު ހުށަހެޅުއްވި ބިލުގައި ހަތަރު ގާނޫނެއް ވަނީ ބަޔާންކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރިޒަމް މަނާކުރުމުގެ ގާނުނުގެ އިތުރުން ގާނޫނުލް އުގޫބާތެވެ. އެ ގާނޫނުތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ދައުވާތައް ހާއްސަ ހާލަތްތަކުގައި ދުވަސްތަކުގައި ނުހިމަނާނެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން ސިރާޖު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައި ވަނީ އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތިން، ދައުވާ ލިބޭ ފަރާތާއި ދައުވާކުރާ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، ހަރަދު ކުޑަކޮށް، އަވަސްކަމާއި ރައްކާތެރިކަމާއެކު، އިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ޖިނާއި މައްސަލަތަކުގެ ޝަރީއަތުގެ މަޖލިސްތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ އިހްތިޔާޒު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ސިރާޖު ހުށަހަޅުއްވާފައިވާ ބިލްގައި ހާއްސަ ހާލަތްތައް ކަމަށް ބަލާފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާންކުރެވޭ ހާލަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!