އައްޑޫސިޓީ ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫސިޓީ ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގް މީޑިއާ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އައްޑޫސިޓީ ގަން ކޯޒްވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު 21:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިއެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ވެފައިވާއިރު ދެމީހަކަށް ގަމު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކަކު އައްޑޫސިޓީ ހިތަދޫ އީކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
އެކްސިޑެންޓުވި އެއް ސައިކަލު މޫދަށް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫސިޓީ ގަމުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިރޭ ލ. ގަން ލިންކު ރޯޑު ގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ހިނގި މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވިކަމުގައި ވިޔަސް ކާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.