ރިޕޯޓް

ކޯވިޑަށް ފައްސިވި މީހެއްގެ ދުލުން: ފައްސިކަން އެނގިގެން ބިރެއް ނުގަނޭ، އެކަމަކު މިތަނުގައި ހުންނައިރު ވާގޮތްގޮތުން ދެރަވޭ

ދެން އެމްވީ ، ދެން އޮންލައިން

މިދުވަސްކޮޅު ކޮންމެ މީހަކުވެސް ހަމަޔަގީނުން ވެސް އެންމެ ބިރުގަންނާނެ އެއް ކަމަކީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 ގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރެވެ.

Ads by Hajj Corporation

ނަމަވެސް މިބަލި މިހާރުވެސް ތަޙައްމަލު ކުރަމުންދާ ފަރާތްތަކުގެ އިޙުސާސްތަކަކީ ކޮބައިކަން ވެސް އެނގެން ބޭނުންވާނެ ވަރަށް ގިނަ މީހުން ތިބޭނެކަން ވެސް ޔަގީނެވެ.

އެގޮތުން އެފަދަ އެކަކާއި "ދެން" ގެ ފަރާތުން ވާހަަކަ ދައްކާލީމެވެ.

އުމުރުން 34 އަހަރުގެ އިސްމާއިލް ޝާހިދު މިވަގުތު ބަހައްޓާފަ ހުރީ އެނބޫދޫ ވިލެޖްގައެވެ.

"ފަސްޓް ކަޒިން އެއްގެ ވައިފް އައިޖީއެމްއެޗް އަށް ދިޔައީ ޕްރެގްނެންސީ ޓެސްޓެއް ހަދަން ވެގެން. ދެން އެތަނުން ލަފާ ދިނީ ކޯވިޑް އަށް ވެސް ޓެސްޓު ހަދާލަން. ދެން އޭގެ އަނެއް ދުވަހު ގުޅާފަ ބުނީ ޕޮޒިޓިވް އޭ. އޭނަ ގެންގޮސްފި މިމަހު ފަހެއްގަ. ދެން ހަވަނަ ދުވަހުގެ ރޭ އަޅުގަނޑުމެންގެ އެޕާޓްމަންޓުން ރެންޑަމް ޗެކެއް ކޮށްލަން ތިން މީހަކު ޓެސްޓުކުރީ. އެެގޮތުން ސާމްޕަލް ނެގީ އަޅުގަނޑުގެ އަންހެން ކޮއްކޮއާއި ބޭބެއާއި އަޅުގަނޑުގެ. އެޓެސްޓުގެ ނަތީޖާ ލިބުނީ 11 ގައި، އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ ޕޮޒިޓިވް ކަމަށް" ޝާހިދު ކިޔައިދިނެވެ.

ޝާހިދު ބުނި ގޮތުގައި ކޯވިޑް އަށް އޭނާއާއި އޭނާގެ ބޭބެ ފައްސިވެފައިވީ ނަމަވެސް އެދެމީހުންނަށް ވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. އަދި މިހާރުވެސް ބަލީގެ އެއްވެސް އަލާމާތެއް، އެއްވެސް ދަތި އުނދަގޫކަމެއް އިޙުސާސެއް ނުކުރެވެއެވެ. ކޯވިޑް އަށް ފައްސިކަން އެނގުމުން ވެސް އެއްވެސް ބިރެއް ނުގަންނަ ކަމަށާއި ދެރަވެސް ނުވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެޗްޕީއޭ އިން މުއާސަލާތީ ގުޅުން ބެހެއްޓި ގޮތާއިމެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ.

"ހަމަ އެއްވެސް އަލާމާތެއް ނުފެނޭ. އަދިވެސް ހަމަ އިރާދަ ކުރެއްވީތީ ދެރަގޮތެއް ނުވޭ. ޕޮޒިޓިވްކަން ފުރަތަމަ އެނގުނީމަވެސް އަސްލު ދެރައެއް ނުވޭ، އަޅުގަނޑަށް މިބައްޔާއި ބެހޭގޮތުން ކުރިންވެސް މައުލޫމާތު އެއްކުރެވިފަ ހުރީމަ ވެސް ބިރެއް ނުގަނޭ. އެކަމަކު އަޅުގަނޑުމެންގެ ސާމްޕަލް ނެގީ 6 ގަ ނަތީޖާ ލިބުނީ 11 ގަ. ފަސް ދުވަސް ނެގި ނަތީޖާ އަންގަން. ކޮންމެ މީހަކު ވެސް އެނގެން ބޭނުންވާނެ ދޯ އަވަހަށް ނަތީޖާ؟ އަޅުގަނޑުމެންގެ ސާމްޕަލް ނެގުމަށްފަހު އުޅުނީވެސް ހަމަ ގޭގަ. އަމިއްލައަށް ވެސް ވަރަށް ގުޅިން ނަތީޖާ ހޯދަން ވެގެން. އެގޮތުން އެޗްޕީއޭއިން ބެހެއްޓި މުއާސަލާތީ ގުޅުމާމެދު ވަރަށް ހިތްހަމަ ނުޖެހޭ." ކޯވިޑަށް ފައްސިކަން އެނގުނު ވަގުތުގެ އިޙުސާސްތައް ކިޔައިދެމުން ޝާހިދް ބުންޏެވެ.

އެނބޫދޫ ވިލާގައި ޝާހިދު އާއި އޭނާގެ ބޭބެ ބަހައްޓާފައި ހުންނަނީ ވަކިންނެވެ. މީހަކަށް ކޮޓަރިއެއްގައެވެ. ކޮޓަރި ކިތަންމެހާވެސް ރީތި ނަމަވެސް، އެތަނުގެ ކެއިން ބުއިން ހުންނަ ގޮތުން ގޭސް މައްސަލަ ދިމާވާ ކަމަށް ޝާހިދު ބުނެއެވެ. އޭނާ ބުނިގޮތުގައި ކެއިން ބުއިމަށް އަބަދުވެސް ބަހައްޓާފައި ހުންނަނީ ހުސް އެކައްޗެކެވެ. އެކަން ރަނގަޅު ކޮށްދޭނެ ކަމަށް އެމްއެންޑީއެފްގެ ބޭފުޅަކު ބުނިކަން ވެސް ޝާހިދު ފާހަގަ ކޮށްފައިވެއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެޗްޕީއޭގެ ކޮމިއުނިކޭޝަން ތަންކޮޅެއް ހަރުދަނާ ކޮށްލުން. އެތަނަކަށް މިހެން އަންނައިރު ލިބޭނެ ނުލިބޭނެ އެއްޗެއް ކުރީބައިގަ އަންގާލަ ދިނުން އަޅުގަނޑު އެދެން. އޭރުން އަމިއްލައަށް ވެސް ތައްޔާރު ވެގެން އަންނަން އެނގޭނީ. ލިބޭނެ އެއްޗެހި އެނގުނީމަ އަމިއްލައަށް ވެސް ޕެކެޓް އެއްޗެހި ކޮންމެވެސް ގޮތަކުން ހޯދައިގެން އަންނަން އެނގުނީސް. މިހާރު އެކަމަކު އެބައިން އަމިއްލައަަށް އޯޑަރު ކުރުމުގެ ޚިދުމަތް. އަޅުގަނޑުވެސް އެހެންވެ ފިހާރައެއް ހޯދައިގެން އޯޑަރު ކޮށްފިން. އެމީހުން އެޑެލިވަރ ކޮށްދީފި ކަލާފާނު ސްކޫލަށް. އެލިބޭނެ ކަންނޭނގެ މިއަދު" ޝާހިދުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ކޯވިޑް އަށް ފައްސިވުމުން އެކަހެރި ކޮށްފައިވީ ނަމަވެސް ޝާހިދު ގެންދަނީ އެތަނުގައި ހުރި ދުވަސްކޮޅުގައި ވެސް އޮފީސް މަސައްކަތްތައް ކުރަމުންނެވެ. ބަލީގެ އިތުރު އަލާމާތެއް ފެންނަން ނެތް ނަމަވެސް ޝާހިދު މިހާރު އިންތިޒާރު ކުރަމުންދަނީ އެޗްޕީއޭގެ އިރުޝާދުގެ މަތިން، 14 ދުވަސް ފަހުން އަލުން ޓެސްޓު ކުރާނެ ދުވަހަކަށެވެ.

ނޯޓް: މިލިޔުމުގައި ފައްސިވިމީހާގެ ނަމާއި އެހެނިހެން މަޢުލޫމާތު ހިމަނާފައިވަނީ އެމީހާގެ އިޒުނައާއި އެކީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!