އާބާދީގެ ނިސްބަތުން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ސާކް ގެ ގައުމަކަށް ރާއްޖެ
ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އާބާދީގެ ނިސްބަތުން ކޮވިޑް19 ޖެހިގެން މަރުވި މީހުން އެންމެ ގިނަ ސާކް ގެ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިގެން 4 މީހަކު ނިޔާވެފައިވާއިރު އެއީ އާބާދީގެ ނިސްބަތުން ބަލާއިރު އާބާދީގެ ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 7 މީހުނެވެ. މިއީ ސާކު ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ބޮޑު އަދަދެކެވެ.
އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑް ޖެހިގެން ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕާކިސްތާނާއި އަފްގާނިސްތާނުގައެވެ. އެގައުމުތަކުގައި ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 3 މީހުން ވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ. ޕާކިސްތާނުން ކޮވިޑް19 ޖެހިގެން މަރުވެފައިވަނީ ޖުމްލަ 770 މީހުނެވެ. އަދި ސްރީލަންކާ އިން މަރުވެފައިވަނީ ޖުމްލަ 9 މީހުނެވެ.
ސާކު ސަރަހައްދުން އެންމެ ދަށުގައި އުޅެނީ ނޭޕާލެވެ. 29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭފާލް އިން މިހާތަނަށް ކޮވިޑް19 ގައި މީހަކު މަރުވެފައި ނުވާއިރު، ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ 110 މީހުންނެވެ.
މީގެ އިތުރުން ސާކުގެ ގައުމުތައް ބަލައިލާއިރު އާބާދީގެ ނިސްބަތުން ކޮވިޑަށް ފައްސިވި މީހުން އެންމެ ގިނައީ ވެސް ރާއްޖޭގައިއެވެ. އާބާދީގެ ނިސްބަތުން ބަލާއިރު އާބާދީގެ ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 1,767 މީހުން ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވެއެވެ.
މުޅި އޭޝިޔާ އަށް ބެލި ނަމަވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމުތަކުގެ ލިސްޓުގެ 10 ވަނައިގައި އޮތީ ރާއްޖެއެވެ.