ބޯކޮށް ވާރޭ ވެހި އައްޑޫގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ
ރެއިން ފެށިގެން އައްޑޫ ސިޓީއަށް ކުރަމުންދާ ބޯ ވިއްސާރާގައި އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
އައްޑޫ ސިިޓީ ކައުންސިލް ބުނީ އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ގުޅިފައި ހުރި ރަށްތަކަށް ކަމަށާއި އެގޮތުން މަރަދޫ ފޭދޫ އާއި ހިތަދޫގެ ގެތަކަށް ވެސް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އައްޑޫ އަށް މިއަދު ވެސް ވާރޭވެހެމުން ދާއިިރު، ފޭދޫގެ ގޭގެއަށް ފެން ވަދެ ބައެއް ފަރުނީޗަރާއި ހިފައިގެންގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ވެފަ އެވެ. ގޭގެއަށް ފެން ވަންނާތީ ބައެއް ގޭގެ މީހުން ވެލި ބަސްތާ ޖަހާ އަމިއްލަ އަށް ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށާފަ އެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި، އައްޑޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި އަދި ބައެއް ގެތަކަށް ފެން ވަންނާތީ ވެލި ޖެއްސުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި ފެންބޮޑުވުފެއިވާ މަގުތައް ހިއްކުމަށް ޕަންޕު ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.