"މާލީ ވަޒީރު ވިދާޅުވަނީ ފައިސާ ޗާޕްކޮށްގެން އޭގެ އަގެއް ނުވެއްޓޭނެ ކަމަށް، ދެން ޗާޕްކޮށް ރައްޔިތުންނަށް ބަހަންވީ ނޫންތޯ
ފައިސާ ޗާޕްކޮށްގެން އޭގެ އަގެއް ނުވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާއިރު، ދެން ފައިސާ ޗާޕްކޮށް ރައްޔިތުންނަށް ނުހަބަހަނީ ކީއްވެތޯ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާ ޗާޕުކުރުމުން ދިވެހި ފައިސާގެ އަގު ނުވެއްޓޭނެ ކަމަށާއި ބޭރު ފައިސާގެ އަގު އުފުލިގެން ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
"މާލީ ވަޒީރު ވިދާޅުވި ފައިސާ ޗާޕު ކުރުމުން މުދަލުގެ އަގު އުފުލިގެން ނުދާނެ އޭ. މުދަލުގެ އަގު ބޮޑެއް ނުވާނެއޭ. އިންފްލޭޝަން މައްޗަކަށް ނުދާނެއޭ. ދެން ކީއްވެތޯ ރައްޔިތުންނަށް ފައިސާ ނުދެވިގެން އުޅެނީ. ހަމަ ފައިސާ ޗާޕު ކޮށްގެން ބަހަންވީނުންތޯ." އަދުރޭ ވިދާޅުވިއެވެ.
Maalee Vazeeru vidhaalhuvi faisaa chaap kurumakun dhivehi faisaage agu nuvetteyne’ey,beyru faisaage agu ufuligen nudhaane’ey mudhaluge agu bodeh nuvaane’ey inflation mahchahkah nudhaane’ey. dhen keehvetho Ryyithunnah faisaa nudhevigen ulhenee.hama chaap kohgen bahanvee nuntho?
— Abdul Raheem Abdulla (@Banafsaa) May 14, 2020
ކޮވިޑު-19އާ ގުޅިގެން ރާއްޖެއަށް އަންނަ މާލީ އަދި އިޤްތިސާދީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން އެދިފައިވަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ސަރުކާރުގެ ޕަބްލިކް ބޭންކު އެކައުންޓުން، އޮވަޑްރޯ ކުރެވޭ ލިމިޓު މަތި ކުރުމަށެވެ.