ޚަބަރު

އިދިކޮޅުން ކުރި މުޒާހަރާގައި ބައިވެރިވި 2 މުވައްޒިފަކު ވަޒީފާއިން ސަސްޕެންޑު ކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމާއެކު އެމަނިކުފާނު ޖަލުގައި ހުންނަވާތާ އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ޕީއެންސީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އިޙްތިޖާޖުގައި ބައިވެރިވި ނ.ލަންދޫ ސްކޫލްގެ 2 މުވައްޒަފަކު ސަސްޕެންޑްކޮށް އިޙްތިޖާޖުގައި ބައިވެރިވި އެކިއެކި މުވައްޒަފުންނަށް ބިރު ދައްކައިފިއެވެ.

Ads by STELCO

މިއަަދު ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލުމަށާއި އަދި އެމަނިކުފާނަށް ނުޙައްޤުން އަނިޔާ ދެމުން ދާތާ 365 ދުވަސް ވުމާ ގުޅިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖެ" މިނަމުގައި ރާއްޖޭގައި ކުރިއަށްދިޔަ އިޙްތިޖާޖުގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް ޢަބްދުއްލަޠީފް އާއި ޚާލިދު ޢަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑް ކުރުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ ދެ މުވައްޒަފުން ސަސްޕެންޑް ކުރިކަން އަންގައި އިއްޔެ ވަނީ ލިޔުން ފޮނުވާފައެވެ. އޭގެ ތެރެއިން އެއް އެ ލިޔުމުގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ރައީސުލްޖުމްހޫރިއްޔާ ދަން ޖައްސައި މަރާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށާއި ހަމައެއާއެކު އެދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއް ކުންފުނި ތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށްވެސް އެކޯލިޝަނަށް މަޢުލޫމާތު ލިބެމުންދާ ކަމަށް އިދިކޮޅުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށާއި ބިރު ދެއްކުމާއި އިންޒާރަށް ފަސްނުޖެހި، ހައްޤު ގޮތުގައި ރައްޔިތުން އަޑު އުފުލަމުން ދާނެ ވާހަކަ ދަންނަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!