ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ސައިބާ ހަމަލާތަކެއް ދެނީ
ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށް ސައިބާ ހަމަލާތަކެއް ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖުކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނު ކޮށްގެން ކޯޑު ހޯދާ، ފޯނުތައް ހެކް ކުރުމުގެ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދަންނަ މީހުންގެ ނަމުގައި މި ފޮނުވާ ކޯޑުތަކަކީ ޑުޕްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބާ އެޓޭކުތަކެއް ކަމަށްވެސް ފުލުހުން ބުނެއެވެ
ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް މެސެޖެއްކޮށްފައިވާނަމަ އެ ލިންކު ނުހުޅުވައި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުން ވެސް އަންނަ މެސެޖެއްގައި އޮންނަ ކޯޑު އެއްވެސް މީހަކަށް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.