ޚަބަރު

ސަފާރީތައް ނަގަން މާފުށި ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކ. މާފުށި އޮންނަ ސަރަހައްދުން ސަފާރީ އުޅަނދުތައް ނެގުމަށް އެ ރަށުގެ ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގައިފިއެވެ.

Ads by STELCO

ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހެއްގައި، ރަށު ކައުންސިލެއްގެ އިހުތިސާސަކީ އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ބުނެފައިވާ އިރު، މާފުށި ކައުންސިލުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް ނެގުމަށް އަންގާ ކަމަށެވެ.

އަދި މި މަހުގެ 10 ވަނަ ދުވަހުގެ (މިއަދުގެ) މެންދުރުފަހު 14:00 ގެ ކުރިން ސަފާރީތައް ނުނަގައިފި ނަމަ އެތަކެތި ނައްތާލާނެ/ނީލަން ކިޔައި ވިއްކާލާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި ނޯޓިސްއާ ގުޅިގެން އެލްޖީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ނަމަވެސް އެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކައުންސިލެއްގެ އިހްތިސާސް މިހާތަނަށް ކަނޑައަޅުއްވާފައި ނުވާކަމާށެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައަޅުއްވަން ޖެހޭނީ ގާނޫނު ތަސްދީގުކުރެވޭތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ނުވަތަ ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ނޫންގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އެލްޖީއޭއިން ބުންޏެވެ.

އެހެންކަމުން މާފުށީގެ ކައިރީގައި އަޅާފައި ހުރި ސަފާރީ އުޅަނދުތަކަށް ފޮނުވި ނޯޓިސް ބާތިލުކުރުމަށް މާފުށި ކައުންސިލަށް އެލްޖީއޭއިން މިހާރު އަންގާފައިވާނެކަމަށް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!