ދުނިޔެ

ކޮވިޑް19: އެމިރޭޓްސްގެ ދަތުރުތައް ނުވަ މަންޒިލަކަށް ފަށަން ތައްޔާރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެމިރޭޓްސްގެ ފަސިންޖަރުން އުފުލާ ފްލައިޓްތައް މިމަހު 21 އިން ފެށިގެން ދަތުރުކުރަން ތައްޔާރުވެއްޖެއެވެ. އެންމެ ފުރަތަމަ ނުވަ މަންޒިލަކަށް އަމާޒުކޮށްގެން ދަތުރުތައް ފަށާއިރު މީގެ ތެރޭގައި ޕެރިސް، މެޑްރިޑް އަދި ޗިކާގޯ ހިމެނޭނެއެވެ. އަދި ދުބާގައި މަޑުކުރުމަށްފަހު އޮސްޓްރޭލިޔާ އިނގިރޭސިވިލާތަށް ވެސް ދެވޭނެއެވެ. މިފްލައިޓްތަކުގައި ދަތުރު ކުރެވޭނީ، ދާންވާ ގައުމަށް އެތެރެވުމުގައި އެއްވެސް މައްސަލައެއް ނެތް ފަސިންޖަރުންނެވެ. ބައެއް ގައުމުތަކުން ވަކި ގައުމުތަކަކުން އަންނަ މީހުނަށް އެތެރެ ނުވެވޭ އުސޫލު ގެންގުޅޭތީ އެކަމަށް ފަސިންޖަރުން ސަމާލުވާން ޖެހެއެވެ.

Ads by Sosun Fihaara

ފްލައިޓަށް އެރުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ޗެކް ކުރެވޭނެއެވެ. އަދި ޗެކިން ކައުންޓަރުތައް ކައިރީގައިވެސް ސަލާމަތީ އިތުރު ކޮށްޓެއް ވަނީ ޖަހާފައެވެ. މުޅި ދަތުރުގައި ފަސިންޖަރުން ތިބެން ޖެހޭނީ މަސްކް އަޅާ އަންގި ލައްވައިގެންނެވެ. މިއަންނަ ހަފްތާގައި ފަށަން ތައްޔާރުވާ ފްލައިޓްތަކުގެ އިތުރު މަންޒިލްތަކުގެ ތެރޭގައި، ހީތުރޯ ގެ އިތުރުން ފްރެންކްފަރޓް އަދި މިލާންވެސް ހިމެނެއެވެ.

ފްލައިޓްތައް ފަށާއިރު ފަސިންޖަރުންގެ އިތުރުން އެއަރޕޯޓް މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނިމިން ވެސް ތަރމަލް ސްކޭނަރ ތަކުން އަބަދު ބެލެމުން ދާނެއެވެ. ފަސިންޖަރުންނާ ގާތުން ޚިދުމަތްދޭ މުވައްޒަފުން އަދި ގްރައުންޑް ހޭންޑްލިންގގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނީ ޕީ.ޕީ.އީ ކިޓް އަޅައިގެނެވެ. ޓަރމިނަލްގައި ވެސް ގައިދުރުކަން ބެހެއްޓުމަން ނިޝާންތައް ހަރުކުރެވިފައި ހުންނާނެ ކަމަށާ، ފްލައިޓްގައި ކިއުމަށް ނޫސް މަޖައްލާ ނުދެވޭނެ ކަމަށާއި، ކެބިން ބޭގެއް ވެސް ހުއްދަ ނުކުރެވޭނެ ކަމަށް އެމިރޭޓްސް އިން ހާމަ ކުރެއެވެ. ހުރިހާ ދަބަހެއް ޗެކްއިންކޮށް ފައި ދޫކޮށްލަން ޖެހޭނެއެވެ. ފަސިންޖަރުންނާ އެކީގައި ފްލައިޓަށް އެރުވޭނީ ކޮންމެހެން ބޭނުންވާ ލެޕްޓޮޕް، އަތްދަސް އަދި ބްރީފް ކޭސްގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ސާމާނެވެ

ކެބިންތަކުގައި ވަނީ އެންމެ ޒަމާނީ ޓެކްނޮލިޖީގެ ވައިރަސް ނައްތާލާ އާލާތް ހަރުކުރެވިފައެވެ. މިއިން 99.97 އިންސައްތަ ވައިރަސް ނައްތާލަދޭނެއެވެ. އަދި ކޮންމެ ދަތުރެއް ނިމުމުން މުޅި އެއަރކްރާފްޓް ޑިސްއިންފެކްޓް ކުރަން ފޮނުވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!