ޚަބަރު

ލޮކްޑައުންއާ ގުޅިގެން 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމައިފި

ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 އަށް ދެމެހެއްޓުމަށް އެޗްޕީއޭއިން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.

މީގެ އިތުރަށް ކޮވިޑް-19އާ ގުޅިގެން، އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގައްޔާއި، ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި، އެޕްރީލް 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށާއި އެޕްރީލް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންވެމުގައިވާ ގޮތުގެމަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!