ދިވެއްސަކަށްވާން އެދޭ ބިދޭސީ މަހުޖަނުން އަވަހަށް އިސްލާމް ކޮށްލައްވާ
އަންތަރީހެއް ނުވާނެ ހެއްޔެވެ. މާލީ ތަނަވަސްކަން ހުރި ބޭރު މީހުން ރާއްޖެއަށް ޝައުގުވެރިވާކަން ނޭނގޭ މީހަކު ނޫޅެއެވެ. އެޝައުގުގައި ރާއްޖޭގައި ބޮޑެތި އިންވެސްޓްކޮށްގެން އުޅޭ މީހުން އެހާމެ ގިނައެވެ. ދުނިޔޭގެ އެއްވެސްތާކުން އަންނަ މީހަކަށް ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅުމަށް އޮތް ޤާނޫނީ ހުރަހެއް ނެތެވެ. ހަމަޖެހިފައި އޮންނަ އުސޫލުތަކުގެތެރެއިން ކޮންމެ ބިދޭސީއަކަށްވެސް އެފުރުޞަތު އެބައޮތެވެ.
ގައުމުގެ ރައްޔިތަކަށްވިޔަސް އަދި ބިދޭސީއަކަށް ވިޔަސް އެއްވެސް ޤައުމެއްގައި ކަންކަން ކުރެވޭނީ އެގައުމެއްގައި އޮންނަ ހަމަޔާ އުސޫލުގެ ތެރެއިންނެވެ. ރާއްޖޭގައިވެސް އޮތީ ހަމަ އެގޮތެވެ. އަމުދުން ހަމަޔާ އުސޫލުން ބޭރުން ކަންކަން ކުރަން ކެރިގެން އުޅޭ މީހަކަށްވިޔަސް ރާއްޖެއަކީ ހުރަހެއް އޮތްތަނެއް ނޫނޭވެސް ބުނެވިދާނެއެވެ. މިސާލެއްގެ ގޮތުން ވިސާނެތި ރާއްޖޭގައި ބިދޭސީން އުޅެމުން ދާއިރު ދެނެހުރި މީހަކުނޫޅެއެވެ. ހަމަތަކާއި އުސޫލުން ބޭރުން ބިދޭސީން ވިޔާފާރިއާއި މަސައްކަތް ކިތަންމެ ވަރަކަށް ކުރިޔަސް ވާކަމެއް ނުއޮވެއެވެ.
ދިވެހި ބިދޭސީ ކައިވެންޏަކީވެސް ކުރަން އެހާފަސޭހަ ކަމެކެވެ. އަނެއްކޮޅުން ބިދޭސީއަކު ރާއްޖޭގެ ރައްޔިތަކަށްވުމަށް ޤާނޫނީ އެއްވެސް ހުރަހެއްނެތެވެ. ރައްޔިތަކަށް ވުމަށް ޤާނޫނުގައި ބުނާ ޝަރުތު ހަމަވާ ކޮންމެ ބިދޭސީއަކަށް އެފުރުޞަތުވެސް ތަންމިނަށް ހުޅުވިފައި އެބައޮތެވެ. މިހެން މިމަގުތައް ހުޅުވި ހާމަކަން ބޮޑު ގޮތެއްގައި އޮވެ އަމަލުކުރަމުންދާއިރު ރާއްޖޭގެ ޕްލޭނިންގ މިނިސްޓަރު އަސްލަމް ، މިއީ ބޭރުގެ މަހުޖަނުންނަށް ރަށްވެހިކަންދޭންވީ ވަގުތުކަމަށް ވިދާޅުވެ ބިދޭސީ މަހުޖަނުންނަށް ހޯދާ ނުދެވިގެން މިއުޅެނީ ކޮންފުރުޞަތެއް ހެއްޔެވެ.
މާލީ ތަނަވަސް ކަންހުރި ބިދޭސީ ބައެއް ފަރާތްތައް ރާއްޖޭގެ ރަށްވެހިކަމަށް ޝައުގުވެރިވާނަމަ އެމީހުނަށް ބަންދުވެފައި އޮތީ ކޮންދޮރެއް ހެއްޔެވެ. މިނިސްޓަރ އަސްލަމަށް އެވިސްނުން މާބޮޑަށް ރަނގަޅުވެ އެފުރުސަތު އެފަރާތްތަކަށް ދިނުމަށްވިސްނަން ފެއްޓެވީ ކީއްވެކަމެއް ނުއޮޅެއެވެ.
ކޮންމެ ބިދޭސީއަކަށް ވެސް ތަންމިނަށް ހުޅުވިފައިއޮތް ފުރުޞަތެއް އަލުން ހުޅުވާވާހަކަ ދެއްކުމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ރާއްޖޭގައި ހަތްތަރީގެ ހޮޓާތައް ހުޅުވައިގެން މަންފާ ހޯދަމުންދާ މަހުޖަނުން މިހާރަކުވެސް މަދެއްނޫނެވެ. އެ އެންމެންނަކު ރާއްޖޭގެ ރަށްވެހިކަން ހޯދާކަށް ނޫޅެއެވެ. ރައްވެއްސަކަށްވުމަކުން ލިބޭ ވަކި ޚާއްޞަ މަންފާއެއް ރާއްޖޭގެ ނިޒާމު އޮތްގޮތުން އިތުރަކަށް ނޯވެއެވެ.
ދުނިޔޭގެ ނަން ހިގާ ހޮޓަލްޗޭނުތައް ރާއްޖޭގައި މަސައްކަތް އެކުރަނީ އެތަންތާގެ ވެރިން ރާއްޖޭގެ ރަށްވެހިންނަށް ވެގެނެއްނޫނެވެ. މިހާރު ހިންގާ ރިސޯޓުތަކަށް ލިބޭ ހުރިހާ ފައިސާ ރާއްޖޭގެ ބޭންކްތަކާއި މަނިޓަރީތެރެއަށް ނުވަދެ ބޭރުނުވެވޭ ގޮތް ނުހެދިގެން އުޅޭއިރު އިންވެސްޓަރު ދިވެހި ރަށްވެއްސަކަށް ވުމަކުން ނުވަތަ ނުވުމަކުން ލިބެން އޮތް މޮޅެއް ނެތެވެ. އެހެންނޫނަސް ދުނިޔޭގެ ބިލިޔަނަރަކު ރާއްޖޭގެ ރައްވެއްސަކަށް ނުވަތަ ވަޒަން ވެރިއަކަށް ވާންބޭނުން ވާނަމަ އެކަމަށް އޮތްހުރަހެއް ނެތެވެ. ދިވެހި ރައްޔިތަކުކަމުގައި ވުމަށް އޮތް ޝަރުޠުތައް ފުރިހަމަ ކޮށްލައިގެން އައިސް ރައްވެއްސަކަށް ވާން އުޅުމުން ހުރަސް އަޅާނީ ކާކުހެއްޔެވެ. ބަޔަކަށްޓަކައި ޤާނޫނު އަސާސީ ބަދަލު ކުރާކަށް ނުޖެހެއެވެ. ބަދަލުވާން ބޭނުން މީހާ ޤާނޫނު އަސާސީއަށް ތަބާވުމަކީ ދުނިޔޭގެ ހަމައެވެ.
- އެދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ. ދިވެހި ރައްވެއްސަކަށްވުމަށް މުސްލިމަކަށް ވާންޖެހެއެވެ. އެކަންކުރާކަށް ކޮންމެ ކޮންމެ މީހަކު ބޭނުމެއް ނުވާނެއެވެ. އެހެނެކޭ ކިޔާ ދިވެއްސަކަށްވުމަށް މުސްލިމަކަށްވުން ލާޒިމުކުރާ ކުރުން ބަދަލުކުރުމުގެ ވިސްނުން ކުރިއަށް ނެރެން ނުހަދާށެވެ. ކޮވިޑް19ގެ ވަބާގައި ރައްޔިތުން ޖެހި ނިކަމެތިވަމުންދާ މިވަގުތު އޭގެ ނާޖާއިޒު ފައިދާ ނަގަން ނޫޅޭށެވެ. އެހާ ރައްޔިތަކަށް ވެގެން ރާއްޖޭގައި އިންވެސްޓް ކުރާހިތްވާ މަހުޖަނުން އަވަހަށް އިސްލާމް ކުރުވަމާ ހިނގާށެވެ. ބަޔަކު އަދި ބޭނުންވިޔަސް މުދަލާއި ފައިސާއަށްޓަކާ ކުރަން ނުވާނެ ކަންކަން ހުންނާނެއެވެ.