ކޮލަމް

އަމިއްލަވަންތަކަން ހާމަކޮށްދީ ދެމެހެއްޓުމުގައި، ތުންތުންމަތީން ވާރިދުވަމުން އަންނަ ވާހަކަ ފަދަ ތަކެތީގެ ދައުރު!

އަޝްރަފް ޢަލީ ، ދެން އޮންލައިން

ކޮންމެ އިންސާނަކީ ވެސް ތަފާތު ސިފަތަކާއި ތަފާތު ގޮތްތަކެއް ލައްވައިފައިވާ މަޚުލޫޤެކެވެ. ތިމާއީ ކާކުކަން ބަޔާން ކުޅައުމުގައި ތިމާއަށް ނިސްބަތްވާ ނުވަތަ މިލްކުވެގެންވާ ކަންތައްތަކެއް ނުވަތަ ސިފަތަކެއް ހަމަ ކޮންމެ މީހެއްގެ ކިބައިގައިވެސް ﷲ ލައްވައިފައިވެއެވެ. މި ބީދައިން ކޮންމެ ޤައުމެއްގައި ވެސް އެޤައުމަށް ނިސްބަތްވާ ޚާއްޞަ އަމިއްލަވަންތަ ކަންތައްތަކެއް ހުރެއެވެ.

Ads by Sosun Fihaara

ބޯވީ އާއި މާޓިން (2007) ބަޔާންކުރައްވާ ގޮތުގައި ޤަބީލާޤަބީލާގައްޔާއި ޖަމާޢަތްޖަމާޢަތުގައި ވެސް އެބަޔަކު ޤަބޫލުކުރާ އަސާސީ ކަންތައްތަކެއް ހުންނަކަމާއި އެކަންކަމަށް އާދަކާދައޭ ކިޔައެވެ. މި ގޮތުން ކޮންމެ ވެށްޓެއްގެ ތެރޭގައި ވެސް ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް އެވެށްޓަކަށް ނުވަތަ އެ ޖަމާޢަތަކަށް ނިސްބަތްވާ ޚާއްޞަ އާދަކާދަ ހުރެއެވެ. އެއާދަކާދަ ވަކި ތަރުތީބަކުން ވަކި އުޞޫލުތަކެއްގެ މަތިން ކުރެވެމުން އަންނަ އައުން ވެގެން ދަނީ އެބައެއްގެ ސަގާފަތަށެވެ. އަޙުމަދު ޠަލާލު (2009) ހާމަކުރައްވައިފައިވާ ގޮތުގައި، ޤައުމެއްގެ ނުވަތަ މުޖުތަމަޢެއްގެ އައިޑެންޓިޓީ ބިނާކުރުމުގެ މައިގަނޑު އަސާސަކީ އެޤައުމެއްގެ ސަގާފަތެވެ. މިހެންވުމުން އާދަކާދައާއި އަމިއްލަވަންތަކަން ނުވަތަ Identity ވަނީ ގުޅިލައިމެހިފައެވެ.

އަޅުގަނޑުމެން ދިވެހިންނަށް ވެސް މިލްކުވެ ނިސްބަތްވެގެންވާ އާދަކާދަތަކެއް ހުރެއެވެ. އެއިން ކޮންމެ ކަމަކުން ނުވަތަ އެކަމަކާ ގުޅިފައިވާ ރަމްޒީ ނިޝާނަކުން ހާމަކޮށްދެނީ ދިވެހީންގެ އަމިއްލަވަންތަކަމެވެ. ޤަދީމީ ޒަމާނުއްސުރެ ދިވެހިންނަކީ ވެސް އަމިއްލަވަންތަ ގޮތްތަކާއި ކަންކަމާއި އެއްޗެއްސާއި އުސޫލުތަކެއްގެ މަތީން ދިރިއުޅުމުގެ ގޮތްތައް ތަރުތީބުކުރަމުން އައި ބައެކެވެ. 1834ވަނަ އަހަރު ދިވެހިރާއްޖޭގެ ފުންމިން، މިންއަޅައިގެން މުޅި ރާއްޖޭގެ ޗާޓު ހަނދާން އައި އާގު ބޯޓެއް ކަމުގައިވާ އެޗް.ސީ ބަނާރަސީން އައި ރޯޔަލް ނޭވީގެ ލެފްޓްނެންޓް، ވިލްމަޓް ކްރިސްޓޮފަރ އާ ޙަވާލާދެއްވައި މުޙައްމަދު އިސްމާޢިލް ދީދީ (1981) ބަޔާންކުރައްވައިފައިވެއެވެ.

އާންމުކޮށް ބަލާއިރު ދިވެހިންނަކީ އުފާވެރި އޯގާވެރި ބައެކެވެ. ދިވެހީންގެ އިހުގެ އާދަކާދަ އެންމެ ބޮޑަށް ފަހުގެ ޖީލަށް ވާރުތަކޮށްދިން އަދަބީ އެންމެ މުހިންމު ތަރިކައަކީ ދިވެހީންގެ ތުންތުންމަތީން ކިޔެމުން އައި ވާހަކަފަދަ އެއްޗެއްސެވެ. ނުވަތަ Dhivehi Oral literature އެވެ. ޙަބީބާ ޙުސައިން ޙަބީބު (2006) ހާމަކުރައްވައިފައިވާ ގޮތުގައި ދިވެހިންނަކީ ކޮންބައެއްކަން ދިވެހިންގެ ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ އުޅުމާއި ގުޅުންހުރި ގޮތް ލުއި ގޮތެއްގައި ފަސޭހައިން ޒުވާންޖީލަށް އެނގި އަދުގެ ޒުވާނުންނަށް ދިވެހިވަންތަކަމާއި ދިވެހިން އުޅުނު ގޮތް ވަޒަންކުރެވެނީ ޖީލުން ޖީލަށް ދޫދޫމަތިން ވާރިދުވަމުން އައިސްފައިވާ ވާހަކަތަކުންނެވެ.

ދިވެހިންނަކީ އަމިއްލަވަންތަ އުސޫލުތަކެއްގެ މަތީ ދިރިއުޅެމުން އަންނަތާ އެތައްއެތައް ވޭލާއެއް ވެފައިވާ ތަހުޒީބު މުޖުތަމަޢެއްގެ އަހުލުވެރީންނެވެ. އަމިއްލަވަންތަކަން ހާމަކޮށް ދަމަހައްޓާން އެކި ޒަމާންތަކުގައި އެކި ސިފަސިފައިގައި ދިވެހިންވަނީ އެ ބައިމީހުންގެ ދުވަހު ދިރިއުޅުމުގެ އާދަކާދައާއި ޤަބޫލުކުރުންތަކާއި ވިސްނުންތަކާއި އެ ބައިމީހުންގެ ވާހަކަތައް އެކަކު އަނެކަކަށް ޙިއްސާކޮށްފައެވެ. ޖީލުންޖީލަށް އެ ކަންކަން ވާރިދުވަމުން އައީ ދޫދޫމަތިންނެވެ. ފޮތްތަކާއި ލިޔުންތަކާއި މަޢުލޫމާތުގެ ރަސްމަގުކަމުގައިވާ އިންޓަރނެޓްގައި އެފަދަ ތަކެތި ލިޔެވި ރައްކައުތެރިކުރެވެންފެށީ މާފަހުންނެވެ. މިހެންވުމުން ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށް ދެމެހެއްޓުމުގައި ތުންތުންމަތީން ކިޔަމުން އައި ވާހަކަފަދަ ތަކެތީގެ ދައުރު ދަނެގަތުމަކީ މުހިންމުކަމެކެވެ.

ދިވެހީންގެ އިހުދިރިއުޅުމުގެ ގޮތްތަކާއި ކަންކަން ބަޔާންކޮށް ހުށަހަޅުމުގައި މިފަދަ އެއްޗެހީގެ އެއްވެސް ދައުރެއް އޮތްތޯ ނުވަތަ މިފަދަ ތަކެތި ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށްދެމެހެއްޓުމުގައި އެހީތެރިވަނީ ކޮން ގޮތްކަށް ކިހިނެއްތޯ ބެލުން މުހިންމެވެ. މި ދިރާސާގައި މަޢުލޫމާތު އެއްކޮށް ތަހުލީލުކޮށް ނަތީޖާނެރެފައިވާނީ ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށް ދެމެހެއްޓުމުގައި ދޫދޫމަތީން ކިޔަމުން އަންނަ ވާހަކަފަދަ ތަކެތި އެހީތެރިވަނީ ކިހިނެއް ކޮންގޮތަކުން ކަން ބަޔާންކުރުމުގެ މައްޗަށެވެ. މިކަން ދެނެގަތުމަށް ޓަކައި މިދިރާސާ އަމާޒުކޮށްފައިވާނީ ދޫދޫމަތީން ކިޔަމުން އަންނަ ތަކެތީގެ ތެރެއިން ވާހަކަތަކުގެ މައްޗަށެވެ. އެފަދަ ވާހަކަތަކުން ފެންނަ ދިވެހީންގެ އަމިއްލަވަނަތްކަން ރަމްޒުކޮށްދޭ ސިފަތަކާއި ކަންކަން މިދިރާސާގައި ތަހުލީލުކޮށް މަޝްވަރާކޮށްފައިވާނެއެވެ. އަދި އެ ވާހަކަތައް ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށް ދެމެހެއްޓުމުގައި އެހީތެރިވަނީ ކޮންގޮތަކަށް ކިހިނެއްކަން ވެސް ހާމަކޮށް ދީފައިވާނެއެވެ. މިގޮތުން މިކަންކަން ދެނެގަތުމުގައި މިދިރާސާގައި ދިވެހީންގެ އަމިއްލަވަންތަކަމުގެ ތެރެއިން ބަލައިފައިވާނީ ދިވެހީންގެ ބަހާއި ދިވެހީންގެ މަސައްކަތްތެރިކަމާއި އާދަކާދައާއި ދިވެހީންގެ ކެއުންބުއިމުގެ ކަންތައްތައް ހާމަކޮށް ދެމެހެއްޓުމުގައި ދޫދޫމަތީން ވާރިދުވަމުން އައިސްފައިވާ އަދަބިއްޔާތުގެ އަދާކުރާ ދައުރެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!