ވީބީގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ފައްސި ވެއްޖެ
ވީބީ ބްރަދާސްގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ވީބީން ފައްސިވި 8 މުވައްޒަފުންނަކީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގައި މަސައްކަތްކުރާ ހަތަރު މީހުން ހިމެނެ އެވެ. މި މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވީބީން ބުންޏެވެ.
ވީބީން ބުނީ އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ފަހު ވީހާ ވެސް އަވަހަކަށް އަލުން ހިދުމަތް ދޭން ކަމަށެވެ. އެގޮތުން މަސައްކަތަށް އާ ޓީމެއް ނެރުމާއި ފިހާރަތައް ޑިސްއިންފެކްޓު ކުރުމުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވީބީން ބުނީ މުވައްޒަފުންތަކެއް ފައްސިވިކަން މިއަދު އެނގުމާ އެކު އެޗްޕީއޭ އިން ވަނީ އެ ފިހާރަތައް ބަންދުކޮށް މޮނިޓަރިންއަށް ގެނެސްފައި ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ނުވަތަ އެޗްޕީއޭ އިން ވަކި ގޮތެއް މިކަމުގައި ނިންމަންދެން އެ ފިހާރަތަކަށް ވަދެ ނުކުތުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭގެ މި ނިންމުމާއެކު ވީބީގެ ހުރިހާ އޮޕަރޭޝަންތަކެއް ވަނީ ހުއްޓާލާފައެވެ. މިހާތަނަށް ޑެލިވަރީ ނުކުރެވި ހުރި ތަކެތި ޑެލިވަރީ ކުރުން ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.
މި ދަނޑިވަޅު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.