ބެލްކަނިތަކުގައި މަގަށް ވެއްޓޭގޮތަށް އެއްޗެހި ނުބަހައްޓަން އަންގައިފި
ގްރޭޓާ މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި މީހުން ދިރިއުޅޭ ގެތަކުގެ ބެލްކަނިތަކުގައި މަގުމައްޗަށް ވެއްޓޭ ގޮތަށް އެއްވެސް އެއްޗެއް ނުބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން އެ ގޮތަށް އަންގާފައި ވަނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިއުމާ ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ބުނީ އެހެންކަމުން ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ގޭގެ ވެރިންނަށާއި ގްރޭޓާ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓު ފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.