ރިޕޯޓް

ކޮވިޑް19: ފުރަބަންދުން މިނިވަންވުމުގެ ޙާލަތަށް ނަފްސް ތައްޔާރު ކުރަން ޖެހޭ

ދެން އެމްވީ ، ދެން އޮންލައިން

މި ދަނޑިވަޅަކީ އެންމެންނަށް ވެސް ދަތި އުދަނގޫ ދަނޑިވަޅެކެވެ. ދިރިއުޅުމުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައި އެންމެން މިތިބީ ފުރަބަންދުގައެވެ. ބައެއް މައިންބަފައިން ދަރީންނާއި ދުރުގައި އެކަނިވެރިކަމުގައެވެ. ބައެއް އަނބީން ފިރީންނާއި ދުރުގައި ހިތްދަތިކަމުގައެވެ. އާއިލާއާއި އެކުގައި ތިބި މީހުން އުފާ ކުރައްވާށެވެ.

Ads by STELCO

މުސްލިމުންގެ ސިފައަކީ ދަތިކަމަށް ކެތްތެރިވުމެވެ. ﷲގެ ނިޔާއާއި މެދު ނުރުހުންވުމެއް ނެތި ރުހުމެވެ. ﷲ އާއި މެދު ހެޔޮކޮށް ހީކުރުމަކީ އެ އިލާހުގެ ޙަޟްރަތުން ހެޔޮގޮތްތައް މިންވަރު ކުރައްވާ ކަމެކެވެ.

ކެތްތެރިވެ ﷲ އަށް ދުޢާ ދެންނެވުމުގެ އިތުރުން ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް ފިކުރުކުރަން ޖެހޭނެ ކަމަކީ މި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ލޯބިވާ މީހުން ދުރުގައި ތިއްބަސް އެމީހުންނާއި މެދު ގުޅުން ބޭއްވުމެވެ. ޙާލު އަޙުވާލު ބަލާ ، ލޯބިވާ ވާހަކަ ބުނެލުމެވެ. ފަހެ ފުރަބަންދުގައި އެކަނިވެކަމުގައި ހުރި ތިބާގެ އަޚާއަށް ނުވަތަ އުޚްތާއަށް މިއީ ލިބޭނެ ކިހާ ބޮޑު ތަސައްލީ އެއް ހެއްޔެވެ؟

ފުރަބަންދުގެ މި ދަތި ދަނޑިވަޅުގައި އަހަރެމެން ގުނަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. އެ މައްސަރުގެ ތެރެއިން ވެސް އެންމެ މާތް ދުވަސްތަކާއި އަހަރެމެން މިތިބީ ބައްދަލު ވެފައެވެ. މި ބަރަކާތްތެރި މައްސަރަކީ އަހަރެމެންނަށް މި ދަތި ޙާލުގައި ލިބިފައި އޮތް ރަނުގެ ފުރުސަތެކެވެ. އާއިލާއާއެކުގައި އަޅުކަން އަދާ ކުރައްވާ ޤުރުއާން ކިޔެވުމުގެ މެހެފިލްތަކުން ގޭތެރެ ޖަރީ ކޮށްލެވުން ކީއްތޯއެވެ. ހަމަމިއާއެކު އަމިއްލަ ނަފްސާއި ޙަޔާތުގައި ހުރި މައްސަލަތަކާއި މެދު ފިކުރުކޮށްލަން ވަގުތު ކޮޅެއްގެ ބޭނުން ހިފަމާހެއްޔެވެ. އެފަދަ ވަގުތުކޮޅަކީ ޙަޔާތަށް ބޮޑު ބަދަލެއް ގެނެވިދާނެ ވަގުތުކޮޅެކެވެ. ފަހަރެއްގައި ދިމާވެފައި އޮތް މައްސަލައެއްގެ ސަބަބުން ހީނަރުވެފައި އޮތް ގުޅުން ބަދަހިކޮށްލަން މިއީ ކިހާ މުނާސަބު ދަނޑިވަޅެއް ހެއްޔެވެ؟ އެފަދަ އެކުވެރިޔާއާއި ގުޅާ ޙާލު ބަލާލުމީ ނަފްސްގެ ވަރުގަދަ ކަމެވެ. އެއްގޮތަކަށް ވެސް ދެރަ ވުމެއް ނޫނެވެ.

ޙާލަތަކީ އަބަދުވެސް ބަދަލުވާ އެއްޗެކެވެ. މި އުޞޫލުގެ ދަށުން އުފެދިފައި މިވާ ނުރައްކާ ޙާލަތުން އިންޝާﷲ ދާދި އަވަހަށް ސަލާމަތް ވެދާނެއެވެ. ނަމަވެސް ފުރަބަންދު ނިމި އާންމު ދިރިއުޅުން ފަށައިގަންނައިރު އާންމު ޙާލަތު ކުރިއާއި ތަފާތު ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވުމާއެކު އަހަރެމެންނާއި ބައްދަލުވެދާނެ އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލުތަކަށް ނަފްސު ތައްޔާރު ކުރުމަކީ ވެސް ފުރަބަންދުގައި ކުރަން ޖެހޭ ކަމެކެވެ. އިޤްތިޞާދު ކުރުމާއި ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ތައްޔާރުވާށެވެ. ކޮންމެ ޙާލެއްގައި ވެސް ޙަމްދު ޙުރީ ﷲ އަށެވެ. އެކަން ހިތާއި ރޫޙުން ޤަބޫލު ކުރެވޭނީ ނަފްސް އެކަމަށް ތައްޔާރު ކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!