ކުޅިވަރު

ފުޓްބޯޅައިގެ ނިއުނޯމަލްގައި ކަންތައް ހިނގާ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

ޖަރުމަނުގެ ބަންޑެސްލީގާ އަލުން ފަށައިގެން ކުރިއަށް ގެންދާއިރު، ކުރިއަށް އޮތް ޕްރިމިއަރ ލީގްފަދަ ބޮޑެތި މުބާރާތްތައް ކުރިއަށް ދާނެގޮތް ލަފާކޮށްލާނެ ފުރުސަތު ލިބިއްޖެއެވެ.

Ads by STELCO

ބުންޑަސްލީގާ އާއި ސައުތު އެފްރިކާގެ ކޭ. ލީގުވެސް ފަށާފައިވާ މި ދަނޑިވަޅަކީ ބަންދުކޮށްފައިވާ ސްޓޭޑިއަމް ތަކުގައި، އިޖްތިމާއީ ގައިދުރުކަމާއެކު ފުޓުބޯޅަ މުބާރާތްތައް ގެންދާނެގޮތް ބަލާލުމަށް، ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ކެތްމަދުވެފައިވާ ދަނޑިވަޅެކެވެ.

ބުންޑަސްލީގާގެ ކަންކަމަށް ބަލާލާއިރު ކުރިން އެންމެ ބަހެއްގައި ކުޅުންތެރިން ދަނޑަށް ގެންދިޔަ ނަމަވެސް ކުޅުންތެރިންގެ މެދުގައި ގައިދުރުކުރުން ބެހެއްޓުމަށް ގިނަ އަދަދެއްގެ ބަސް ބޭނުން ކުރަން ޖެހެއެވެ. ހަމައެހެންމެ ކުޅުންތެރިންނާއި މުވައްޒަފުން ހޮޓާތަކުގައި ކަރަންޓީނު ކުރެވި ގަވާއިދުން ކޮރޯނާވައިރަސް އަށް ސްކްރީން ކުރެވެމުން ދެއެވެ. ބަހުން ފައިބާ ގޮތަށް، ދަނޑަށް ދިއުމަށް ހުރިހާ ކުޅުންތެރިން ތިބީ މާސްކް އަޅައިގެންނެވެ. މެޗުގެ ޓެކްނިކަލް ކަންތައް ކުރާމީހުނާއި މީޑިޔާތަކުގެ މީހުންގެ ހަށިގަނޑުގެ ފިނި ހޫނުމިން، ދަނޑަށް ވަނުމުގެ ކުރިން ބެލެއެވެ. ބެލުންތެރިން ދަނޑަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ. މުޅި އެކު 213 މީހުން ދަނޑަށް ވެއްދިއިރު އޭގެ ތެރެއިން ކޯޗުންނާއި ބޯޅަހޮވާ ކުދިންނާއި ކުޅުންތެރިން ހިމަނައިގެން ދަނޑުގައި ތިބީ 98 މީހުންނެވެ. އަނެއް 115 މީހުންނަކީ ސެކިއުރިޓީ، މީޑިޔާ އަދި ސިއްޙީފަރުވާ ދޭ މީހުނެވެ.
އިތުރު ސެކިއުރިޓީންނާއި ވީ.އޭ.އާރް އޮޕަރޭޓަރުންގެ 109 މީހުން ތިބެން ޖެހުނީ ދަނޑުން ބޭރުގައެވެ.

ކުޅެން ބޭނުން ކުރާ ބޯޅަތައްވަނީ ކުޅުމުގެ ކުރިން އަދި މެދު ތެރެއިން ޑިސްއިންފެކްޓް ކޮށްފައެވެ. ތިރީސް ބޯޅަ ގެންގުޅޭއިރު ބޯޅަހޮވާކުދިން މި ބޯޅަތައް ޑިސްއިންފެކްޓްކޮށްފައި ކުޅުން ތެރިންނަށް ދިނުމުގެ ބަދަލުގައި ވަކި ތަނެއްގައި ބަހައްޓަނީއެވެ. ބަދަލު ކުޅުންތެރިންނާއި ކޯޗުން ތިބެނީ މާސްކް އަޅައިގެން ގައިދުރުކޮށް، އެބަޔަކަށް ކަނޑައެޅިފައިވާ ބެންޗްގައެވެ. ހެޑްކޯޗް މާސްކް ނާޅާ ކުޅުންތެރިންނަށް އިރުޝާދު ދޭން ގޮވާ ހަޅޭލަވާ ހެދެއެވެ. ކުޅުންތެރިން އެކަކު އަނެކަކާ ބައްދާ ހެދުމުގެ ބަދަލުގައި ސަލާމްކޮށް އުފާ ފާޅުކުރަން ޖެހެނީ، ދެމީހުންގެ އުޅަނބޮށި ޖައްސައިގެންނެވެ.

ބަދަލު ކުޅުންތެރިޔާ ދަނޑަށް އަރަން ތައްޔާރު ވަމުން މާސްކް ނަގާ ވޯމްއަޕް ކުރެވެއެވެ. ދަނޑުން ފައިބާ ކުޅުން ތެރިޔާ ފޭބުމާއި އެކު މާސްކެއް ދެވެއެވެ.
މެޗުތެރޭގައި މާބޮޑުތަފާތެއް ނުފެނެއެވެ. ނަމަވެސް ގޯލެއް ޖެހުމަށް ފަހުވެސް އުފާފާޅު ކުރުން ތަންކޮޅެން ފިނިކޮށްދާހެން ހީވަނީ ބައްދާލާ ހެދުމުގެ ބަދަލުގައި، އުޅަނބޮށި ޖައްސާތީއެވެ. ދަނޑުގައި ސަޕޯޓަރުން ނެތުމުން ކުޅުންތެރިންނާއި ކޯޗުން ވާހަކަ ދައްކާ އަޑުގެ އިތުރުން ދާގަނޑުގައި ބޯޅަޖެހޭ އަޑުވެސް ޓީވީ ބަލާ ފަރާތްތަކަށް ދެން އިވޭނެއެވެ. އެހާވެސް ހަމަ ހިމޭނެވެ.

މެޗް ނިމުމުން ކޯޗާއި ކުޅުންތެރިންނާ އިންޓަރވިއު ކުރެވުނީ މައިކްރޯފޯން ބޭނުންކޮށްގެން ގައިދުރުކަން ބަހައްޓައިގެންނެވެ. ނޫސްވެރިންނާ އާންމުކޮށް ބައްދަލު ކުރީ ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށެވެ.
މިކަމާގުޅިގެން އެކިފަރާތްތަކުގެ ބަސް ހުރީ އެކި ގޮތަށެވެ. ބައެއް ފަރާތްތަކުން ހާމަ ކުރިގޮތުގައި ބެލުން ތެރިން ނުވައްދާ ފުޓުބޯޅަ ކުޅުމަކީ ކުޅިވަރުގެ ރޫހު ގެއްލޭ ކަމެއްކަމަށާ، މެޗް ތެރެއިން ލިބޭ ކާމިޔާބީ ކުޅުންތެރިންގެ މެދުގައި ހިއްސާކޮށް އުފާ ފާޅުކޮށްނުހެދޭނަމަ ކުޅުމުގެ ފޯރިއެއް ނާންނާނެކަމަށެވެ.

މިވަގުތަށް މިކަން ކުރެވޭނެ ގޮތަކީ މިއީ ކަން ގިނަ ބަޔަކު ގަބޫލު ކުރިނަމަވެސް މި ބަދަލުތަކާއި މެދު ހިތްހަމަ ޖެހޭކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!