ޕެންޝަން ފަންޑުގައި ހުރި ފައިސާ އިންވެސްޓު ކުރެވުނު ގޮތާ މެދު ޣައްސާންގެ ސުވާލުތަކެއް!
ޕެންޝަން ފަންޑުގައި ހުރި ފައިސާ އިންވެސްޓު ކުރެވުނީ މިނިވަންކޮށްތޯ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ސުވާލު އުފައްދަވައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޕެންޝަން ފަންޑުން ފައިސާ ނެގުމަށް އާންމުން ގޮވާލަމުން ދިޔަކަމުގައި ވީނަމަވެސް، ވަކި ވަކި މީހުންގެ އެކައުންޓްގައި އެވަރަށް ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޣައްސާނު ކުރެއްވި ޓުވީޓެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ވުނަކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން ސުވާލު އުފައްދަވާފައި ވެއެވެ.
އަދި އޭގެ އިތުރަށް ޕެންޝަން ފަންޑުން އެންމެ ގިނަ ފައިސާ އިންވެސްޓުކުރީ ސަރުކާރުގެ ޓީބިލާއި ބޮންޑު ގަތުމަށް ކަމުގައިވާތީ އެކަމާ ގުޅޭ ގޮތުންވެސް ޣައްސާން ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ބޮންޑާއި ޓީބިލް ގަތުމަށް ހޭދަވެފައިވަނީ ޕެންޝަން ފަންޑުގެ ކިހާ ޕަސެންޓެއްތޯ ޣައްސާނު ސުވާލުކުރެއްވިއެވެ.
"ބޮންޑު މެޗުއާ ވަމުން އަންނަ ތާރީހުތައް ރައްޔިތުންނަށް އެނގެން ޖެހޭ. އިންޓަރެސްޓު ދައްކާފައި ރޯލްއޯވާ ކުރަނީ ތޯ ވެސް އެނގެން ޖެހޭ." ޣައްސާން ވިދާޅުވިއެވެ.
Invest kurevifa vanee independent koh ba? Sarukaaruge T-Bill aai bond gannan pension fund ge kithah percent haradhu kurevifa vey ba? Bond mature vamun anna thaareekh thah rayyithunnah ingen jehey. Interest dhakkaafa rollover kuranee tho ves ingenjehey. https://t.co/FgBihRvjgx
— Mohamed Ghassan Maumoon (@mgmaumoon) May 16, 2020
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި ރައްޔިތުންނަށް ބޭނުންވެފައި އެތައް ކަމެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު މި ދަނޑިވަޅުގައި ކިތަންމެ ދަށްވެފައިވީ ނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.