ދީން

ތަޢުބާވުން އަވަސް ކުރޭ، ދައްޖާލު އަރަން އުޅޭކަމުގެ ނިޝާންތައް ފެންނަމުން ނުދޭތޯ؟

ދައްޖާލުގެ ފިޠުނަވެރިކަމާއި ދޮގުތަކުން އަދި އޭނާއަށް ދެއްވާފައިވާ ބާރުތަކުގެ ސަބަބުން ދުނިޔެ ފަސާދަ ކުރާނެކަން ހުރިހާ މުސްލިމުންނަށް ވެސް އެނގިފައިވީ ނަމަވެސް، އެކަން ޤަބޫލު ކުރަނީ ހަމައެކަނި މާތް ﷲ އަށް ފުރިހަމައަށް އީމާންވާ މީސްތަކުންނެވެ.

އޭނާއަށް ދެވިފައިވާ ލަޤަބަކީ "ދޮގުވެރި މަސީހާ" ގެ ލަޤަބެވެ.

މީގެ 1400 އަހަރު ކުރިން މާތް ރަސޫލާ މުޙައްމަދު (ޞޢޥ) ވަނީ ދައްޖާލާއި ބެހޭ ގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް އަހަރެމެންނަށް ދެއްވާފައެވެ.

ދެކުނުގެ ޤައުމުތަކުން ދައްޖާލަށް ދީފައިވާ ނަމަކީ "އެންޓި ކްރައިސްޓް" އެވެ. އޭނާގެ ނުބައި ރޭވުންތަކުން މުޅި ދުނިޔެ ފަސާދަ ކުރާނެކަން ކަށަވަރެވެ.

ރަސޫލާ (ޞޢޥ) ހަދީޘް ކުރެއްވި ގޮތުގައި ދައްޖާލު ފާޅު ވާނީ ދުނިޔެ ޤިޔާމަތްވާން ކައިރިވުމުންނެވެ. އޭނާގެ މައިގަނޑު މަޤްސަދަކަށްވާނީ މާތް ﷲ ގެ އަޅުތަކުން އިސްލާމްދީނާއި ދުރުކުރުމެވެ. އޭނާ މަސައްކަތް ކުރާނީ މުސްލިމުން އޭނާގެ މަގަށް ލެއްބުމެވެ. މީސްތަކުންނަށް އޭނާ ދައްކުވައިދޭ މަގަކީ ޖަޙައްނަމްގެ މަގު ކަމުގައި ވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

ސަޙީޙް މުސްލިމް 7028# ގައި ތަމީމް އައްދާރީ ރިވާ ކުރައްވާފައިވެއެވެ. ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގައި ދައްޖާލު ހުރީ ކޮންމެވެސް ރަށެއްގައި ހިލިހިލާ ޖަހާފައި ހައްޔަރުކޮށްފައި ކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ، "ދައްޖާލު ވަނީ ސީރިއަން ކަނޑުގައި (މެޑިޓޭރިއަން ސީ) ނުވަތަ ޔަމަނީ ކަނޑުގައި (އެރޭބިއަން ސީ) ގައިވާ ރަށެއްގައި. ހަމަކަށަވަރުން އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި" ކަމަށެވެ.އެކަލޭގެފާނު މިހެން ޙަދީޘްފުޅު ކުރެއްވިއިރު އިޝާރާތް ކުރައްވާފައި ހުރީ މައްކާއިން އުތުރާއި ދިމާލަށެވެ. (ސަޙީޙް މުސްލިމް 7028#)

މީގެ އިތުރުން ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވަނީ، ދައްޖާލު ފާޅުވާނީ މައްކާގެ އުތުރުން ކަމަށެވެ. މައްކާގެ އުތުރުގެ ގިނަ ޤައުމުތަކަކުން މިހާރުވެސް ދަނީ ދައްޖާލު ފާޅުވާނެ ދުވަހަކަށް ތައްޔާރުވަމުންނެވެ.

ކަޒަކިސްތާން ގައި ހަދާފައިވާ އުސް ޓަވަރުތަކަކީ މިކަމުގެ ހެއްކެކެވެ. ހިތާމައަކީ، ސައުދީ ޝާޙީ އާއިލާއިން ވެސް އެކަމަށް ތައްޔާރުވަމުން އަންނަ ކަމެވެ.

ކީރިތި ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވަނީ ދައްޖާލު ފާޅުވުމަށްފަހު، މަދީނާއަށް ދާނެ ކަމަށެވެ. އަނަސް ބިން މަލިކް ރިވާ ކުރައްވާފައިވަނީ، "ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ. މަދީނާގެ ކައިރީގައިވާ އައްސޭރިފަށުގައި ދައްޖާލު މަޑު ކުރާނެއެވެ. އެހިނދު މަދީނާގެ ބިންގަނޑު ތިން ފަހަރަށް ހެލޭނެއެވެ. އެހިނދު އެބައެއްގެ ހިތްތަކުގައި ފުރިހަމަ އީމާންތެރިކަމެއް ނެތް މުނާފިޤުންނާއި ކާފިރުން، ދުވެފައި މަދީނާއިން ނިކުމެ ދައްޖާލު ކައިރިއަށް ދާނެއެވެ."

މަދީނާއިން ބޭރުގައި މިހާރުވެސް ބިނާއެއް ބިނާކުރެވެމުން އެބަދެއެވެ. އެބިނާއަށް "ކިންގްޑަމް ޕެލެސް" ގެ ނަމުން ނަން ދެވިފައިވީ ނަމަވެސް، ގިނަ މީހުން އެތަނަށް ކިޔަނީ "ދައްޖާލު ޕެލެސް" އެވެ.

ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "ދައްޖާލު ނިކުމެ އުސް އިމާރާތެއްގެ އެންމެ މައްޗަށް އެރުމަށްފަހު، މަދީނާއަށް ބަލާނެއެވެ. އަދި އޭނާގެ އަހުލުވެރިންނަށް ބުނާނެތެވެ. 'ކަލޭމެންނަށް އެހެރެ ފެންނަ ހުދު ކުލައިގެ ގަނޑުވަރު ފެނޭހެއްޔެވެ؟ އެއީ 'އަޙްމަދް ގެ މިސްކިތް (އަލް-މަސްޖިދުއް ނަބަވީ) އެވެ.'" ރަސޫލާ (ޞޢޥ) ގެމިސްކިތް ހުންނަނީ، ދައްޖާލުގެ ގަނޑުވަރާއި ފެންނަފެނުމުން އެއް ރޮނގެއްގައެވެ.

ރަސޫލާ (ޞޢޥ) ގެޒަމާނުގައި، މަސްޖިދުއްނަބަވީ ބިނާކޮށްފައިވަނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ޒަމާން ބަދަލުވެ ތަރައްޤީވުމަށްފަހު، މަސްޖިދުއް ނަބަވީ ވެސް ފެންވަރު ރަނގަޅުކޮށް ބިނާ ކުރުމުގެ ސަބަބުން، މިހާރު އެމިސްކިތް ފެންނަނީ ހުދުކުލައިގެ ގަނޑުވަރެއްގެ ސިފައިގައެވެ.

ދައްޖާލުގެ ފިޠުނައިން ސަލާމަތްވެވޭނީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް އީމާންވާ މީސްތަކުންނަށެވެ. ޤަވާއިދުން ނަމާދު ގާއިމުކޮށް ކީރިތި ޤުރްއާން ކިޔަވާ އަދި އިސްލާމްދީނުގެ ރުކުންތަކަށް ފުރިހަމައަށް ތަބަޢަވާ މުސްލިމުން، ދައްޖާލުގެ ކެހިވެރި ދޮގުތަކުގެ އަވައިގައި ނުޖެހޭނެއެވެ. އޭނާއަށް ތަބަޢަވުމުން އޮތީ ހަމައެކަނި ގެއްލުމާއި ހަލާކުކަން ފުރިހަމަ މުސްލިމުންނަށް ކަށަވަރުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!