އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އޮންލައިންކޮށް
ކޮވިޑް-19 އާ ގުޅިގެން އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދުވަސްވަރު ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މި މަހުގެ 19 ވަނަ ދުވަހު އޮންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި އެއީ މި ވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެއް ދާއިރާއަކަށް އެއް ކެނޑިޑޭޓަކަށްވުރެ ގިނައިން ކުރިމަތިލާފައި ވަނީ ހަމައެކަނި މައްޗަންގޮޅި މެދު ދާއިރާއަށް ކަމަށްވުމާއެކު އޮންލައިކޮށް ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި އެ ދާއިރާއަށް ކަަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގައެވެ.
އެ ޕާޓީން ބުނީ އިންތިހާބުގައި އޮންލައިންކޮށް ވޯޓްލާ ކޮންމެ ފަރާތެއްގެ މޯބައިލް ނަންބަރު ބޭނުންކުރަން ޖެހޭނެކަމަށެވެ. އެގޮތުން ވޯޓްލުމަށްޓަކައި ބޭނުންކުރާނެ މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންނަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މޯބައިލް ރަޖިސްޓްރޭޝަނަށް މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފޯމާއި ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހެނީ އީމެއިލް ނުވަތަ ވައިބަރ މެދުވެރިކޮށެވެ.