ސުކޫލުތައް އަވަހަށް ނުހުޅުވިއްޖެ ނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ: ނަޝީދު

ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ސުކޫލުތައް އަވަހަށް ނުހުޅުވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ގައިދުރުކަމާއެކުގައި ނަމަވެސް ސުކޫލުތައް ހުޅުވައި ކިޔަވައިދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ސުނާމީއާ ގުޅިގެން ބަންދުކުރި މަދަރުސާތަކުގެ ތެރެއިން ވިލުފުށީ މަދަރުސާ އަދި ކަނދޮޅުދޫ މަދަރުސާގެ މިސާލު ނަންގަވައި ނަޝީދު ވިދާޅުވި އެ ދެ ސުކޫލުން ވެސް ދައްކަމުން ދިޔަ ނަތީޖާއާ ހަމައަށް ނާދެވޭކަމަށެވެ.
"ދެން އިތުރު މުއްދަތަަކަށް މަދަރުސާތައް ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެ ނަމަ ނުވަތަ މަދަރުސާތައް އޭގެ އާންމު ގޮތުގައި ކުރިއަށް ނުގެންދެވިއްޖެ ނަމަ ރާއްޖެއަށް ލިބޭ ގެއްލުން އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވެގެން ދާނެ." ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސުކޫލުތައް ބަންދުކޮށް ކިޔަވައިދެމުން ގެންދަނީ އޮންލައިން ކޮށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޓަނެޓްގެ ޒަރީއާއިން ސުކޫލުތައް ހިންގަމުން ގެންދިއުމުން އެކަމަކީ އޭގެން ލިބޭނެ ގެއްލުންތަކާ މެދު ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.