ކޮވިޑް ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އިދިކޮޅުން ސަރުކާރުން ގޮވާލައިފި
ކޮވިޑް-19 ނުފެންނަ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދު ތަކާއި ސުންނަތް ނަމާދުތައް ކުރުމުގެ ފުރުސަތު ނުލިބުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން އަސަރު ކުރުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ރޯދަ މަހުގެ ފަހު 10 ގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ނަމާދާއި ތަރާވީހް ނަމާދާއި ދަމު ނަމާދު ޖަމާއަތުގައި ކުރުން މަނާކޮށްފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ ކޮވިޑް-19 ގެ އަސަރެއް ނުކުރާ އެތައް ރަށެއް ރާއްޖޭގައި އޮތްއިރު، އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ބަލި ނުފެތުރޭ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ފުރުސަތު ދޭއިރު ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ކޮވިޑް-19 ގެ އަސަރެއް ނެތް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.
އުމަރު މިރޭ ވިދާޅުވީ ކޮވިޑްގެ އަސަރު ނުކުރާ އެތައް ރަށެއް އެބައޮތް ކަމަށާއި އެ ރަށްރަށުގެ މިސްކިތްތަކުގައި އެކަކު އަނެކަކާއި ދޭތެރޭގައި ދުރުމިނެއް ބަހައްޓައިގެން ނަމާދު ކުރުމުގެ ފުރުސަތު އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.