އެކްސިޑެންޓްތައް ގިނަވަނީ ލިންކްރޯޑްގެ ހާލަތު ގޯސްކަމުން: އޮޑިޓް ރިޕޯޓް
އައްޑޫގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑްގައި އެކްސިޑެންޓް ގިނަވުމުގެ ސަބަބަކީ އެ މަގުގެ ހާލަތު ދަށްވުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި، ލިންކް ރޯޑުގެ ޕާފޮމަންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އައްޑޫ ސިޓީގެ ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ ގުޅުވައިދޭ 16 ކިލޯމީޓަރުގެ މަގުގެ ބޮޑު ސަރަހައްދެއްގެ ތާރުގަނޑުގައި އެއް އިންޗީގެ ބޯމިންވެސް ނުހުރެއެވެ. ގިނަ އަދަދެއްގެ ވަޅުގަނޑުތަކާއި އަޑިގުޑަންތައް އުފެދެނީ ތާރުގަނޑު ތުނިވުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ވެއެވެ.
އެފަދަ ތަންތަނުން ސަލާމަތްވުމަށް މީހުން މަގުގެ ނުގަވައިދު ފަޅިން ދުއްވާ ކަމަށާއި ބާރު ސްޕީޑުގައި އައިސް އެ ތަންތަނުން ނެއްޓެން އުޅުމުގެ ތެރޭގައި ވެސް އެކްސިޑެންޓް ހިނގާ ކަމަށް ރިޕޯޓްގައި ވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައި ވަނީ މަގުގެ އަޑިގުޑަންތަކާއި ވަޅުގަނޑުތައް މަރާމާތުކޮށް މަގު ރައްކާތެރި ތަނަކަށް ހެދުމަށެވެ.
އެކްސިޑެންޓް ގިނަވާ މައިގަނޑު އަނެއް ސަބަބަކީ ލިންކްރޯޑްގައި ލެނބުންތައް ހުރުމާ އެކު އެ ލެނބުންތަކުގެ ކައިރިން ދުވެލި މަތަކުރެވޭގެ ނިޒާމެއް ނެތުމާއި ފަސޭހައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކުގައި އެކަން އެނގޭނެ ބޯޑުތައް ނެތުން ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ލެނބުންތަކުގައި އެކްސިޑެންޓުތައް ހިނގާ ސަބަބުތަަކުގެ ތެރޭގައި މަގަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމާއި، އޮވާޓޭކްކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބެލުމާއި، ރަށު ތެރެއިން ލިންކު ރޯޑަށް އަރާ އިރު ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދިނުމާއި، އެކަށީގެންނުވާ ވަރަށް ބާރަށް ދުއްވުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި ލިންކް ރޯޑްގައި ނުރައްކާތެރި 91 އެކްސިޑެންޓު ހިނގާފައިވާކަން ރިޕޯޓުގައި ހިމަނާފައިވާ ތަފާސް ހިސާބުން ދައްކައެވެ. އަދި 2013 އިން 2019 ގެ ނިޔަލަށް ހިނގި ނުރައްކާތެެރި އެކްސިޑެންޓްތަކުގައި 19 މީހަކު މަރުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާވެ، އެ މީހުންނަށް ފަރުވާ ދިނުމަށް 1.4 މިލިޔަން ރުފިޔާ ހަރަދުވި ކަމަށް ރިޕޯޓްގައިވެ އެވެ. ފަރުވާ އަށް ހަރަދުވީ ފައިސާގެ އިތުރުން، އިތުރު ފަރުވާ އަށް މީހުން މާލެ އަށް ގެނައުމަށް ވެސް 955،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ ފަރުވާ އަށް ހަރަދުވި ޖުމްލަ ފައިސާގެ އަދަދު 2.4 މިލިޔަނަށް އަރަ އެވެ.