ކޮވިޑަށް ޓެސްޓްކުރުމުގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ 12 އެނަލިސްޓަކު!
ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޓީމެއް ކޮވިޑް-19އަށް ޓެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ 12 ފޮރެންސިކް އެނަލިސްޓަކު ކޮވިޑް-19އަށް ސާމްޕަލް ޓެސްކުރުމުގައި މަސައްކަތްކުރަމުންދާކަމަށެވެ.
އަދި ފޮރެންސިކްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގެ ހަތަރު ލެބް ޓެކްނީޝަނުން ތަމްރީން ކުރަމުންދާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
A team of 12 analysts from our Forensic Services are working round the clock testing for #COVID19 using methodology validated on high performance viral extraction & PCR platforms. Currently also training 4 lab technicians from ADK Hospital to bolster testing. Proud of this team. pic.twitter.com/ONFXBYpK6f
— Mohamed Hameed (@M_Hameedh) May 18, 2020
ސީޕީ ހަމީދު ވަނީ އެ ޓީމާމެދު ފަޚްރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.
އިއްޔެ ކުރެއްވި ޓްވީޓެއްގައި ސީޕީ ވަނީ ފުލުހުންގެ ތެރެއިން ކޮވިޑަށް 23 މީހަކު ފައްސިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފައްސިވި ކޭސްތަކާގުޅިގެން ފުލުހުންނާއި ސިވިލް މުވައްޒަފުންގެ ތެރެއިން 293 މީހުން އެކަހެރިކޮށްފައިވާކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.