މިމަހުގެ 14 ން ފެށިގެން މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދީފި

މިހިނގާ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގްރޭޓާ މާލޭ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.
ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް ވެސް ރާއްޖެ އެތެރެ ވެވޭނީ 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ޓެސްޓް ނަތީޖާއަކާއެކު ގައި ކަމަށް ޤަވާއިދުތަކުން ބުނެފައިވެއެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ދަށްވަމުން ދިޔުމާއެކު ސަރުކާރުން ދަނީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށް ލުއި ދެމުންނެވެ. އެގޮތުން ކަރަންޓީނުގެ މުއްދަތު ވެސް މިހާރު ވަނީ 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފައެވެ.