ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް: ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވާލުމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި
ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި އަތޮޅު ތެރޭގެ ރައްޔިތުން ރަށަށް ފޮނުވާލުމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި ކަމަށް ވިދާޅުވެމަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މާލޭގައި ތާށިވެފައި ތިބި މީހުނާއި ރަށަށް ބަދަލު ވާން ބޭނުންވެގެން ކަމާ ބެހޭ އިދާރާތަކަށް 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ. އޭގެ ތެރެއިން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ހުރި 500 ޖާގައަށް ފޮނުވޭނެ މީހުންގެ ލިސްޓެއް ވެސް އާންމު ކުރި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މީހުންނަށް ދެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވެ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ ހައްލު ނުކުރާނަމަ މަޖިލީހުން އެކަމުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މާލެއަށް އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމަށް ނުފެންނަ ސަބަބެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް، މަޖިލީހުގެ ތިޔަ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއިއްޔަކީއެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް ރަށަށް ފޮނުވުމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން މަޖިލިސް މެންބަރުންގެ ކެތްތެރިކަން މިހާރު ކޮޅުންލަމުންދާކަން އެމަނިކުފާނަށް ވިސްނި ވަޑައިގަންވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ކޮވިޑްގެ ކަންކަން މާ ބޮޑުކޮށްލައިގެން އުޅޭކަން ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ކޮވިޑަކީ ބައެއް މީހުންނަށް ނުރައްކާތެރި ރޯގާއެއްކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއީ މަރުބައްޔެއް ނޫން ކަމަށެވެ. އަދި ޓީވީތަކުން މި ރޯގާއަކީ ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރަމުން ދާތީ، އެއީ ގޯހެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.