ދެތިން ހަފްތާ ތެރޭގައި އެމްއެންޔޫގެ ކިޔެވުން ފެށޭތޯ މަސައްކަތް ކުރަނީ
ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭގައި ކިޔެވުން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ) އިން ބުނެފިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވި ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މިހާރު މަޝްވަރާކުރަމުންދާ ކަމަށާއި ހާލަތު ބަދަލުވެފައި އޮތުމާއެކު ކުރިން ކުދިން އެއްކޮށްލައިގެން ގެންދާނެގޮތަށް ދެން ކިޔެވުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް އަދި ނޭނގޭ. ފޭސް ޓު ފޭސްކޮށް ކިޔަވައި ދެވޭނެ ހާާލަތެއް ނައިސް ފިއްޔާ ޖެހޭނީ އޮންލައިންކޮށް ކުރިއަށް ގެންދަން. ދެން ޔަގީންކަން އެބައޮތް ކިޔެވުން ފެށިއްޖެނަމަ ސިލަބަސް ނިންމާލެވޭނެ ކަމުގެ،" ޝަރީފް ވިދާޅުވި އެވެ.
އެމްއެންޔޫއިން ކިޔަވައިދިނުން ހުއްޓާލީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގަ އެެވެ. އަދި ރާއްޖޭގެ އެތެރޭގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމުން ފުރަބަންދުކޮށްފައި ވާތީ، ކިޔެވުން މިހާތަނަށް ވެސް އޮތީ ނުފެށިފަ އެެވެ.
އެމްއެންޔޫއިން މިއަހަރަށް އެކުލަވާލި އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ ޖޫން މަހު އިމްތިހާންތައް ޖުލައި މަހު އާ ސެމިސްޓާ ފެށޭނެ އެވެ. ޝަރީީފް ވިދާޅުވީ މިހާލަތުގައި އިމްތިހާންތައް ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށެވެ.
އަދި ކިޔެވުން މެދުކެނޑިފައިވާތީ ދަރިވަރުންނަށް ހަވާލުކޮށްފައިވާ އެސައިންޓްމަންޓްތަކަށް ލުއި ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އެމްއެންޔޫގެ ކިޔެވުން ހުއްޓާލީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައި އެޗްޕީއޭއިން އެގޮތަށް އެންގުމުންނެވެ.