އެޗްއާރްސީއެމުން މިއަދު ވަނީ ކޮވިޑް-19 އާއި ގުޅިގެން އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް 27 ރަށު ކައުންސިލަކުން ފޯރުކޮށްދީފައިވާ މައުލޫމާތު އާންމުކޮށްފަ އެވެ.
އެގޮތުން ކޮވިޑް-19އާ ގުޅިގެން ޖުމްލަ 334 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް 14 ކައުންސިލަކުން މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަދި 27 ރަށުގެ ތެރެއިން ހަތް ރަށެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު ނުވަ ރަށެއްގައި ހޯމް އައިސޮލޭޝަންގައި މީހުން ބައިތިއްބާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ނެތް ކަމަށް ދެ ރަށެއްގެ ކައުންސިލުން ބުނެފައިވާއިރު މަސް ދުވަހަށް ވާވަރަށް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން ބުނެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
މީގެއިތުރުން ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ހަ ރަށަކުން ބުނެފައިވާއިރު، މީގެތެރެއިން ދެ ރަށަކުން ވަނީ ތަކެތީގެ އަގު އުފުލިފައިވަނީ ސަރުކާރުން ކަނޑައަޅައިފައިވާ އަގަށް ވުރެ މަތިން ކަމަށެވެ.
އަދި އެއް ރަށެއްގައި ކާބޯތަކެތި ލިބުން ދަތި އާއިލާއެއް އެބަ ހުރި ކަމަށާއި ރަށުގައި ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި އެހެން ބިދޭސީންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް ތިން ރަށަކުން ފާހަގަކުރާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
ގިނަ ރަށްރަށުގައި ބޯފެން ރައްކާކޮށްފައިވާއިރު، ހަތަރު ރަށެއްގައި އެކަށީގެންވާ ވަރަށް ބޯފެން ރައްކާކުރެވިފައި ނެތް ކަމަށާއި އަދި ފިހާރަތަކުގައި ވިއްކަން ހުންނަ ފެނުގެ އަގު ބޮޑުކޮށްފައިވާ އެއް ރަށުން މައުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
ކެއްކުމަށް ބޭނުންވާ ގޭސް ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަން ތިން ރަށަކުން ފާހަގަކުރާކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.