ޚަބަރު

ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު މީހުނަށް ކެނެޑާއިން 1 މިލިއަން ރުފިޔާގެ އެހީ

ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އެހީގެ މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން އެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތައް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނީ ޖެންޑާ މިނިސްޓްރީން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން، މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ކެނެޑާގެ ފޮރިން މިނިސްޓަރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ކެނެޑާއިންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފު ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!