ރިޕޯޓް

ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރަން ހުވާކޮށްގެން ތިބީ ޓެގްޓީމެއް މަބުރޫކެއް ނޫން ، ރައީސުލް ޖުމްހޫރިއްޔާ ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް ކޮވިޑް19 އައީ ފެނިގެންނެވެ. އެނގިގެންނެވެ. ރައްކާތެރި ވުމަށް ވަގުތު ދެމުންނެވެ. ރާއްޖެއަށް ކޮވިޑް19 އައީ ޗައިނާގެ ވޫހާން ސިޓީން އެބަލި ފެނުނު ދުވަހަކު ނޫނެވެ. އޭގެ ތިންމަހެއްހާ ދުވަސް ފަހުންނެވެ. މުޅިޔޫރަޕާއި އެމެރިކާއާއި މެދުއިރުމައްޗާއި އޯސޭނިއާއި އޭސިޔާގެ އެތައް ޤައުމެއް ނުރައްކަލުގެ ތެރެއަށް ވެއްޓުނުފަހުންނެވެ. އެތަންތާގެ ތަޖުރިބާއިން ފިލާވަޅު ލިބޭހާ ވަގުތު ދީގެންނެވެ.

Ads by STELCO

ފިސާރި ރަނގަޅަށް ރާއްޖެ އޮތީ ކޮވިޑް19 އާއި ކުރިމަތިލުމަށް ތައްޔާރަށް ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ. އެކަމަށްޓަކައި އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ގިނަގުނަ ކަންތައްތަކެއް ކުރަންވެސް ކުރިއެވެ. އިހަށް ނުވިރައްކަލެއް ފަހުން ނުވެވޭނެ ކަމަށް ބުނާތީ އަހަމެވެ. އެހެންކަމުން ކަމަކާ ޖެހޭ އިރު އަގުޅިނެތް ކަންނޭލަކަށް ވެދާނެޔެކޭ އެކަކުވެސް ހިތަކަށް ނާރައެވެ. ދޫމަޅި ލީތަކުންލެވި މިބަލީގައި ވާނެ ކަމަށް އުންމީދު ނުކުރާ ވަރު މިއަދު މިއޮތީވެފައެވެ. ބައްޔަށް އެކަށީގެންވާވަރަށް ޓެސްޓްކުރެވޭ ނަމަ މިއަދުގެ ހާލަތު ދައްކާނީ ކޮންފަދަ އަކުންކަމެއް ނޭނގެއެވެ.

މިހާރު މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތޭވެސް ބަޔަކު ބުނެފާނެއެވެ. ވާނެ އެއްޗެއް މިއޮތީވެފައި ވިއްޔާއެވެ. މަތިމައްޗަށް ހަދާ ގޯސް ތަކުރާރު ވަންޏާ ބަޔަކު އެވާހަކަ ދައްކާނެއެވެ. ރައްޔިތުން ކުރިމައްޗަށް ނިކުމެ އުންމީދުކުރާވަރަށް ސާޖް ބޮޑުވަމުން ނުދާކަމަށް ބުނީމާ ކުރެވެނީ ނަފްރަތެވެ. އުންމީދުކުރެވެނީ ކިހާވަރެއް ވާންހެއްޔެވެ. ލަފާ ކުރުމާއި އުންމީދު ކުރުމާއި އޮޅުނީމާ އޮޅިފައި ނުއޮޅޭނީ ކޮން އެއްޗެއްހެއްޔެވެ. ފައްސިވެގެން ގެއްލިގެން ހޯދާ މީހާ ހަފްތާއެއްހާދުވަހު ވެންޓިލޭޓަރގައި އޮތްކަން ނޭނގުނީމާ ބޮޑުވަރެވެ.

އިހަށް ކުރަން ޖެހޭ ކަންކަން ފަސްކޮށް ލަސްކުރުމުން މަސައްކަތާ ވަގުތާ ފައިސާ ބޭކާރުވެ އަދި ލިބޭ ނަތީޖާ ހިތިވުމުން ދެން ކީއްހޭ ކުރާނީ ބުނެ ފުއްދައެއް ނުލެވޭނެއެވެ. އެތައްސަތޭކަ މިލިޔަން ޑޮލަރ ހޭދަވެގެން ދާއިރު ރާއްޖޭގައި ހުރީ ބައްޔަށް ޓެސްޓް ކުރެވޭ އެންމެ ދެ މެޝިންކަން އެނގިތިބެ އިތުރު މެޝިން ހޯދާފައި ނެތުމަކީ ލިބުނު މުއްދަތާ ޚަރަދުކުރި ފައިސާއަށް ބަލާއިރު އުޒުރެއް ދެއްކޭނެ ކަމެއް ނޫނެވެ. ވެންޓިލޭޓަރާއި ޓެސްޓްކިޓްގެ ވާހަކައެއް ނުދައްކާނަމެވެ.

މިހާރު ހަނދާން ހުރިކަމެއް ނޭނގެއެވެ. ރާއްޖެއިން ފައްސިވި ފުރަތަ މީހާ 15 މާރޗް 2020 ގައި ފެނުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރަން އެތައް ޑޮކްޓަރުން ގޮވާލިއެވެ. އެކަމަކު އޭރު ސަރުކާރުން ދިނީ ބީރުކަންފަތެވެ. ބަލިއޮތް ގައުމަކުން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް19 ފެނުމާއެކު، ރާއްޖެއަށް ބޭރު ގައުމުތަކުން މީހުން ނާދެވޭ ގޮތަށް ބަންދު ކުރުމަށް ގޮވާލިއެވެ. ގައުމުގެ އެތެރޭގައި ތިބި މީހުން ވެސް ގެއިން ނިކުތުން މަނާކޮށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރަން ގޮވާލިއެވެ،

އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ގޯހަކުން ދަސްކޮށް ރަނގަޅު ކުރުމަށް ވުރެ، އެހެން މީހުން ހަދާ ގޯހުން ފިލާވަޅު ދަސްކޮށް ރަނގަޅު ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށެވެ. އިޓަލީން މީހުން އައުން މަނާ ކުރެވުނުލެއް ލަސް ކަމަށާއި ބަލިމީހުން ގިނަ ވީމާ ފަރުވާ ދިނުމާއި ޓެސްޓުވެސް ނުކުރެވޭނެކަމަށާއި އެންމެން ބަންދަށް ދިޔުމަށް ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެފައިވަނީ ކީކޭކަން ހަނދާނަށް ގެނެސްދޭނަމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލި ފެތުރިއްޖެކަން ކަށަވަރުވަންދެން ކަމަށެވެ. ހެކި ފެނުމުން ލޮކްޑައުންކުރާކަމަށާއި އެގައުމުތަކުން ވެސް ކުރިން ލޮކްޑައުން ކުރެވުނު ނަމައޭ ފަހުން ބުނާކަމަށެވެ. އެންނަމަވެސް ކުރިން ގައުމުތަކުން ހެދި ގޯސް އަނެއްކާއެހެން ގައުމުން ތަކުރާރު ކުރާ ތަން ފެންނަކަމަށް ޑރ.ނިޔާފް އެދުވަހު އަސަރާއެކު ވިދާޅުވިއެވެ.

މިއަދު ކޮވިޑް19ގެ ބަލިމީހުންނަށް ފަރުވާކުރެއްވުމުގައި ފުރާނައިން ގުރުބާންވެ ވަޑައިގަންނަވާ އެއްމެ އިސް އެއް ޑޮކްޓަރު ކަމުގައިވާ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެދުވަހު ވިދާޅުވީ ކީކޭ ކަމަށްތޯއެވެ. މިދުވަސް ފެންނާތީ އެދުވަހު އޭނާ ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.

ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރީ މިހާލަތު އަތުވެދާނެތީއެވެ. ރާއްޖެއިން ކޮވިޑް19 ފެނުނު ދުވަހުއެވެ. 15 މާރޗް2020 ގައެވެ. ސަރުކާރަށް އޭރު އެއަޑެއް ނީވެއެވެ. ތަކުރާރުކޮށް ގޯހުގެ މައްޗަށް ގޯސް ހަދަމުން ދާއިރު އެންމެންނަކު އަބަދަކު ބަހެއް ނާހާނެއެވެ. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރަން ހުވާކޮށްގެން ތިބީ ޓެގްޓީމެއް މަބުރޫކެއްނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮބައިހެއްޔެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!