ފައްސިވި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ދެ މީހުން އަދިވެސް ނުފެނޭ
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ދެ ބިދޭސީއަކު އަދިވެސް ނުފެންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެކި ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ފައްސިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އަދި އެތަނުން އެކަކު ހޯދަމުންދަނިކޮށް އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައިކަން ވަނީ އެނގިފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ހޯދަމުންދާ ތިން މީހުންގެ ތެރެއިން އެކަކު ފަހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދެ މީހަކު ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. ފިލައިގެން އުޅެނީ ބިދޭސީންނެވެ.
އަދި އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.